މަނާ ބޭސްތަކަކާއެކު މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކަކާއި މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.ފުލުހުން ރޭ ބުނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ށ. ކޮމަންޑޫ، ސާތީ، ހުސައިން ޝާނިމު، 24 އެވެ.ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ފަހުގައި އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ ތަންތަން ބަލައި ފާސްކުރި އިރު، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.ނަމަވެސް އެއީ ކޮން ބާވަތެއްގެ ބޭހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ