ޚަރަދުތައް ހަމަޖައްސަން 4.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި، 4.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފައެވެ. އެއީ، 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ހަތަރު ޓީބިލެކެވެ. އެ ބިލުތަކުގެ ތެރޭގައި ހިމެނެނީ، 700 މިލިއަން ރުފިޔާގެ ޓީބިލަކާއި 900 މިލިއަން ރުފިޔާގެ ޓީބިލަކާއި އެއް ބިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރަށް 1.8 ބިލިއަން ރުފިޔާގެ ޓީބިލެކެވެ. އެ ޓީބިލުތައް ވިއްކަން ނިންމާފައި ވަނީ 3.5 އިންސައްތައާ 4.6 އިންސައްތަ އާ ދެމެދުގެ އިންޓްރެސްޓު ރޭޓެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އެ މިނިސްޓްރީން އެންމެ ފަހުން ޓީބިލް ވިއްކަން ހުޅުވާލީ މިދިޔަ ހަފުތާގައެވެ. އެ ޓީބިލްގައި 17 މީހަކު އިންވެސްޓުކޮށްފައިވާއިރު، އޭރު ވިއްކީ 2.1 ބިލިއަން ރުފިޔާގެ ޓީބިލެކެވެ. ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ. ސަރުކާރުން ވިއްކާ ޓީބިލް އާއްމު ގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ. އެއާއެކު، ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ