ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކުރި އަމުރު ހޯދަން މަންދީ އެދިއްޖެ

އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)ގެ ޖިންސީ ގުނަވަން ފިޔަވައި, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހޯދަން، ފުލުހުންގެ ޚިދުމަތުގައި އޭނާ އެދިއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން މިހާރު ހިންގާ ތަހުގީގާ ގުޅިގެން، މަންދީގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، ވަނީ ޗޓު ފޮނުވައިފައެވެ. ފުލުހުންގެ އިންސްޕެކްޓަރު ޝަނާޒު އަހުމަދު ސޮއިކުރައްވައި މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވަނީ އެ ދެ މީހުންނަށް ވެސް ފޮނުވި ޗިޓުގެ ކޮޕީއެއް "ސަން"އަށް ވެސް ލިބިފައިވެއެވެ. މަންދީގެ ޗިޓުގައި ވަނީ، އެއީ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ލައިވްކޮށް ބްރޮޑްކާސްޓުކުރި އެއްވުމުގައި ރައީސްގެ ދަރިކަލުން "ވޭޕް ބޯން ފެއްޓީމައޭ" ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އޭނާ ވާހަކަދެއްކި މައްސަލައެއް ކަމަށެވެ. މާޒް ސަލީމަށް ފޮނުވި ޗިޓުގައި ވަނީ، އެއީ މަންދީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވިފައިވަނިކޮށް، އެ ކަމަށް މާޒް ސަލީމް ތާއިދުކޮށް، ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާ މައްސަލައެއް ކަމަށެވެ. https://sun.mv/204998 މި މައްސަލައިގައި މަންދީގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ ކޮޕީއެއް ހޯދުމަށް އެދި، އޭނާވަނީ ފުލުހުންގެ ޚިދުމަތަށް ސިޓީއެއް އިއްޔެ ފޮނުވައިފައެވެ. އެ ސިޓީގައިވަނީ، އޭނާގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށް އެ ކޯޓުން އަމުރެއް ނެރެފައިވާނަމަ، އެ އަމުރަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއް ކަމަށެވެ. އަދި އެ އަމުރު އިސްތިއުނާފު ކުރުމަކީ ވެސް އޭނާގެ އަސާސީ ހައްގެއް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން، އޭނާގެ މައްޗަށް ކޯޓުން ކުރި އަމުރުގެ ކޮޕީ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފޮނުވައިދޭން މަންދީގެ ސިޓީގައި އެދިފައިވެއެވެ. https://www.facebook.com/photo/?fbid=30069175659348153&set=a.291957074163405 ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމަށް ފަހު، އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީގެ މެންބަރުންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލަނީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ފައްޔާޒާއި މަންދީގެ ދިފާއުގައި ވިދާޅުވެފައެވެ. ފައްޔާޒާއި އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ދިފާއުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ތެދުވެފައެވެ. އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އާއިލާ 'ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން' އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލަނީ ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ