މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 އެޕާޓްމަންޓެއް ބަލައި، 2 މީހުން ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މިއީ އެ ޚިދުމަތުގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ސާޒް، އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މާފަންނު ވިލާތު ކުންނާރުގެއާގޭ، އުމުރުން 36 އަހަރު މުޙައްމަދު ޒައީންއެވެ. ފުލުހުން ބުނި ގޮތުގައި މިއީ މިދިޔަ ހޮނިހިރު ދުވަހު، ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަންތަން ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 968.6 ގްރާމުގެ ތަކެތި ފެނިފައިވެއެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް އިޖުތިމާއީ މައްސަލައެވެ. އެ ގޮތުން، އަހަރުގެ މިހާތަނަށް ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި 492 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ