ކިތަންމެ މޮޅު ނަމެއް ކިޔަސް އިހުލާސްތެރިކަމުގެ ޒައްރެއް ވެސް ނެތްކަމަށާއި ބޮޑުކޮށް މުއިއްޒު ސަރުކާރަށް ނޫނެކޭ ބުނުމަށް ދިވެހި ރައްޔިތުންނަށް ކުރީގެ ހަރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ގޮވާލައްވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލާ ވާހަކައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވި ގޮތުގައި މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލާ ވާހަކައަކީ ވޯޓުލާ ދުވަހު ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވައިލުމަށް ކަމަށްރާވާ ރޭވުމެއްގެ ދަށުން ދައްކާ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ރައީސް، އަބްދުއްލާ ޝާހިދު ތުހުމަތު ކުރައްވައެވެ. ޝާހިދު ވިދާޅުވީ އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވޯޓުލާ ދުވަހު ވޯޓު ފޮށިތައް މާލެއަށް ގެނެސް ވޯޓުތައް އޮޅުވައިލުން ކަމަށެވެ.
ވޯޓު ގުނަން ޖެހޭނީ ވޯޓުލީ މީހުންގެ ކުރިމަތީގައި ކަމަށާއި އިންތިހާބު ކާމިޔާބު ކުރާ މީހަކަށް ވޯޓުލީ މީހުންގެ އަގުލަބިއްޔަތު ލިބެން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަރަށް ތަފްސީލީ ގޮތެއްގައި ރައީސް މުއިއްޒުގެ އެ ވިސްނުންފުޅާ ވަނީ ދެކޮޅު ހައްދަވާ ފާޑު ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނަގަން ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ވެރިއަކު ހޮވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.
އިންތިހާބުގެ ދެ ވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާ ވެސް، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ހިލާފު ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ހިލާފެއް ނެތްކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުއްލާ ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވޯޓުގެ 50 ޕަސެންޓު ނުލިބި އެންމެ ގިނަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމެއް ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއެވެ.
ބޮޑުކޮށް މުއިއްޒަށް ނޫނެކޭ ބުނޭ: އަބްދުއްލާ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ