ސިފައިންގެއަށް ހަތިޔާރު އެޅި އުޅަނދުތަކެއް ހޯދުމުން އެކަމަށް މަލާމާތް ކުރަނީ، 'މަވެތި ކަމުގައި އިންތިހާއަށް ގޮސްފައިވާ މީހުން' ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟- މި ފަހުން ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާއަށް، ހަތިޔާރު އެޅި އާ އުޅަނދުތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި އެއްގަަމުގެ ސަރަހައްދުތަކަށް ހާއްސަކުރެވިފައި އަދި މަޑު ފަސްގަނޑާއި ހަރުކޮށް ހުންނަ ތަންތަނުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް ހިމެނެ އެވެ. މި އުޅަނދުތައް ވަނީ، ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މީގެ ދެ ދުވަސް ކުރިން ބޭއްވި ހިނގާލުމުގައި ދައްކާލާފަ އެވެ.
އެކަމަކު އުޅަނދުތައް ގަތުމުން ބައެއް މީހުންގެ މަލާމާތާއި ފާޑުކިޔުން އެކަމަށް ރައްދުވި އެވެ. އެ މީހުން ދެކޭގޮތުގައި ގައުމުގެ އިގްތިސޯދީ ހާލަތު މިހާރު އޮތްގޮތުން އެއީ މި ވަގުތަށް ކުރަން ނުޖެހޭ ބޭކާރު ހަރަދެކެވެ.
ތަފްސީލު- ނަމަވެސް މިރޭ އޮތް ސިފައިންގެ އަހަރީ ޖަލްސާގައި ރައީސް ވަނީ އެކަން ދިފާއު ކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމަށް، އެ މީހުންނަށް ވަސީލަތްތައް ހޯދައިދީ، ތަމްރީނުތައްދީ، ވަރުގަދަ ކުރުމަކީ ގައުމީ ވާޖިބެކެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރު އޮތީ ވަރަށް ދަށްކޮށް؛ ތަކެތި ހަލާކުވެ، ނޫނީ ވަރަށް ބޮޑަށް ބާވެފައި.
އެހެންވެ، އެއްގަމުގެ ބާރުގަދަ ކުރުމަށް ތަކެތި ހޯދުމަކީ ކުރަން ޖެހިފައި އޮތް މުހިއްމު ކަމެއް
"މިއީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"ސިފައިންނަށް ތަކެތި ހޯދައިދިނީމާ އެކަމާ ލަދު ގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފްސާ ސުވާލުކޮށްލަން އެބަ ޖެހޭ އެ މީހެއްގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ. ތިމަންނައަކީ ގައުމުދެކެ ލޯބިވާ ދިވެއްސެއްތޯ. ގައުމަށް އުފަންވި މަށް ދިވެއްސެއް ވިއްޔާ ގައުމީ ލޯބި ހުންނަން ޖެހޭނެ،"
ރައީސް ވިދާޅުވި ގޮތުގައި:
ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ގައުމުގެ ހިމާޔަތްތެރިކަމާއި މިނިވަންކަމާއި ރައްކާތެރިކަމަށްޓަކައި ފަހުރުވެރިކަމާއެކު ކުރަން ޖެހޭކަމެއް
އެކަމަށް މަލާމާތް ކުރާ މީހުން އެ މަނިކުފާނު ސިފަ ކުރެއްވީ، 'ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގައި އިންތިހާއަށް ގޮސްފައިވާ' މީހުންގެ ގޮތުގައި
އަދި އެއީ ސިޔާސީ ވިސްނުމުގައި، ގައުމަށް ކޮންމެ ގޮތަކަށް ވިޔަސް ވަރިހަމަ މީހުން ކަމަށް ވިދާޅުވި
"އަޅުގަނޑު މި މަސައްކަތް ކުރަނީ ފަހުރުވެރިކަމާއެކުގައި. އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަށް ކުރިއެރުން ގެނެސްދިނުމުގައި އަޅުގަނޑުމެން ދާނީ ފަހުރުވެރިކަމާއެކުގައި ކުރިއަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަސައްކަތުގައި އެ މަނިކުފާނުގެ ތަސައްވުރަކީ މާދުރު ނޫން މުސްތަގްބަލެއްގައި، ސިފައިންގެ ތެރޭގައި އެއާ ފޯސް އަކާއި ނޭވީއެއްގެ އިތުރުން އާމީއެއް ވެސް އުފެއްދުން ކަމަށެވެ.
ރައީސްގެ ރައްދު: ސިފައިންނަށް ތަކެތި ހޯދާތީ މަލާމާތް ކުރަނީ 'މަވެތިކަމުގައި އިންތިހާއަށް ގޮސްފައިވާ މީހުން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ