އެމްޑީޕީގެ މުޒާހަރާއެއް ލައިވް ކުރި މައްސަލައިގައި ރާއްޖެ ޓީވީ ޖަވާބުދާރީވާން އަންގައިފި އެމްޑީޕީގެ މުޒާހަރާއެއް ލައިވް ކުރި މައްސަލައިގައި ރާއްޖެ ޓީވީ ޖަވާބުދާރީވާން އަންގައިފި

މިދިޔަ ރޯދަ މަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ކުރި މުޒާހަރާއެއް ރާއްޖެ ޓީވީ އިން ލައިވް ކުރި މައްސަލައިގައި އެ ޓީވީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެންގީ މާޗް 9، ގައި އެމްޑީޕީން ބޭއްވި މުޒާހަރާ ލައިވް ކުރި މައްސަލައިގައި ރާއްޖެ ޓީވީ ޖަވާބުދާރީވުމަށެވެ.
އެ ކޮމިޝަނުން ބުނަނީ "އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް" އެ މުޒާހަރާގައި ބޭނުންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، "މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު" ބްރޯޑްކާސްޓު ކުރި ކަމުގެ ތުހުމަތު ވެސް ރާއްޖެ ޓީވީއަށް ކުރެ އެވެ.
އޭގެ އިތުރުން، އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން އެ މުޒާހަރާގެ ބައިވެރިއަކު ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ވާހަކަ ދެއްކި މައްސަލަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ. އަދި ރާއްޖެ ޓީވީ އިން ގެނެސްދިން ލަވައެއްގެ މައްސަލަ ވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެ ޓީވީ އިން ގެނެސްދިން އެ ލަވައިގެ މައްސަލަ ކޮމިޝަނުން ބަލަނީ އެ ލަވައަކީ ހަބަރެއް ކަމަށް ބަލައިގެން، ހަބަރު ގެނެސްދޭންޖެހޭ މިންގަނޑުތަކަށް ލަވަ ނުފެތޭ ކަމަށް ބުނެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ސަފާ ޝަފީގް އާއި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އާއި އައިމިނަތު އަމީނާ އާއި އައިމިނަތު ސަރާހަތު އިއްޒަތާއި އައިމިނަތު ނުޒުހާ އާއި ޝިފްލާ އިބްރާހިމް އާއި މޫސާ ރިލްވާން އެވެ. ކޮމިޝަނުގެ ރައީސްއަކީ ސަފާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ