މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކުރިތާ 462 ދުވަސްވީއިރު، އެންމެ ލިފްޓެއް ވެސް ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ނުކުޅެދިއްޖެ އެވެ.
ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 12، ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މި އަހަރުގެ ޖެނުއަރީ 30، އެވެ.
ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ މިދިޔަ އޭޕްރިލް 15، އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމުމުން، މިދިޔަ މަހުގެ 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މި އަހަރުގެ ނޮވެމްބަރުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.
އެ ދުވަހު މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ، މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، ހަސަން ޝަހީދު ވިދާޅުވީ ހިޔާގެ އެޗު1 އަދި އެޗު2 ގައި ހަރުކޮށް ނިމިފައި ހުރި ލިފްޓުތައް ބޭނުންކުރަން ފަށާނީ މި މަހު 12، ގައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އަދި އެ ތަނުން އެއްވެސް ލިފްޓެއް ބޭނުންކުރާކަށް ނުފެށެ އެވެ.
ލިފްޓުގެ ސްޓްރަކްޗާ މަސައްކަތާއި ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ އެޗު3 އާއި އެޗު4 ގެ ލިފްޓުތައް ވެސް މި މަހު ފަހުކޮޅު ބޭނުން ކުރަން ފެށޭނެ ކަމަށް ޝަހީދު އެ ދުވަހު ވިދާޅުވި އެވެ.
ހިޔާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައިލާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް، އެ ތަނުގެ ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކުރުމަށް ބޭނުންވާ ސްޓްރަކްޗާގެ މަސައްކަތް ވެސް ގިނަ ޓަވަރުތަކުގައި އަދި ނުފަށަ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އަދަދުތައް ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.
އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އޮތީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ބާކީ ފައިސާ ހަރަދުކުރަނީ ބެލެވޭ ގޮތުގައި އެޗްޑީސީންނެވެ.
ހިޔާގައި ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ލިފްޓަކަށް 8.8 މިލިއަން ރުފިޔާގެ މަގުންނެވެ. އެހެންކަމުން ކޮންމެ ފްލެޓެއްގައި ލިފްޓު ހަރުކުރަން 17.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ. މީހުން އުފުލާ ލިފްޓިގައި ފަހަރަކު 16 މީހުން އުފުލޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ލިފްޓު ހަރުކުރުމުގެ އިތުރުން ލިފްޓުތައް ހަރުކުރަން ބޭނުންވާ ސްޓްރަކްޗާ ގާއިމުކުރުން ވެސް މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
ހަވާލުކުރިތާ 462 ދުވަސް، ހިޔާއަށް އިތުރުކުރަން ބުނި އެންމެ ލިފްޓެއް ވެސް އަދި ބޭނުންނުކުރެވޭ ހަވާލުކުރިތާ 462 ދުވަސް، ހިޔާއަށް އިތުރުކުރަން ބުނި އެންމެ ލިފްޓެއް ވެސް އަދި ބޭނުންނުކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ