ކެންޔާގެ ވެރިރަށް ނައިރޯބީގައި އެގައުމުގެ މަޖިލިސް މެމްބަރެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ފުލުހުން ބުނާ ގޮތުގައި މަރާލެވުނު ޗާލްސް އޮންގޮންޑޯ ވެރޭ، ކާރުގައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެމީހަކު އޭނާގެ ކާރާ ކައިރިވެ، ޗާލްސް ގަޔަށް ވަނީ ޖަހާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ނައިރޯބީގެ ނުގޮންގު މަގުގައި ހުންނަ، ގިނަ އަދަދެއްގެ ފުލުހުން ތިބޭ، އަދި ސެކިއުރިޓީ ކެމެރާތައް ހަރުކޮށްފައިވާ ބަޒީ ސަރަހައްދެއްގައެވެ. ހާދިސާ ހިނގުމާއެކު، ޗާލްސްގެ ޑްރައިވަރާއި ބޮޑީގާޑު އޭނާ ގެންގޮސް ނައިރޯބީ ހޮސްޕިޓަލަށް ވެއްދި ނަމަވެސް، އެތަނަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
Advertisement
ފުލުހުންގެ ތަރުޖަމާނު މުޗިރީ ނިޔާގާ ވިދާޅުވީ މި ޢަމަލުގެ ބާވަތަށް ބަލާއިރު، މިއީ ވަކި ފަރާތަކަށް އަމާޒުކޮށް، ކުރިން ރާވައިގެން ހިންގި ޢަމަލެއް ކަމަށް ފެންނަ ކަމަށެވެ.
ޗާލްސް އޮންގޮންޑޯ ވެރޭއަކީ އިދިކޮޅު ޕާޓީގެ މެމްބަރެކެވެ. އަދި ދެ މަސް ކުރިން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ ޝަކުވާ އޭނާ ކޮށްފައިވާކަން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކެންޔާގެ ރައީސް ވިލިއަމް ރުޓޯ ވަނީ މި މައްސަލަ ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަމުރުކުރައްވާފައެވެ. އަދި ޕާލިމަންޓުގެ ސްޕީކަރު މޯސަސް ވެޓަންގުލާ ވަނީ ޗާލްސްއަކީ ހިތްވަރުގަދަ، ފާހަގަކޮށްލެވޭ މެމްބަރެއް ކަމަށް ވިދާޅުވެ، އޭނާ މަރާލި މައްސަލައަކީ ހިތާމަވެރި ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ކެންޔާގެ މަޖިލިސް މެމްބަރެއް ގަޔަށް ބަޑި ޖަހައި މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ