ސިޔާސީ ފިކުރަށް ވުރެ ބޮޑަށް ގައުމުގެ ތަރައްގީއާއި މަސްލަހަތައް އިސްކަންދޭނަން - ގާސިމް

ސިޔާސީ ފިކުރަށް ވުރެ ބޮޑަށް ގައުމުގެ ތަރައްގީއާއި މަސަލަހަތައް އިސްކަންދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިގޮތަށް ވިދާޅުވީ އުތުރުގެ ތިން އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ސިޔާސީ ފިކުރައް ވުރެ ބޮޑައް ގައުމުގެ މަސްލަހަތާއި ތަރައްގީއަށް އިސްކަންދީގެންކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިނަމަވެސް ގައުމަށް އިސްކަންދޭ ކެނޑިޑޭޓެއް ހުރި ނަމަ އެ ކެނޑިޑޭޓަކަށް ވޯޓު ދޭން ފަސްނުޖެހޭނެ ކަމެވެ.
"އަޅުގަނޑުމެން އަބަދުވެސް ބޭނުންވެގެން މި އުޅެނީ ގައުމުގެ ކުރިއެރުން. ގައުމު ތަރައްގީ ކުރުން. އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ ކާކުތޯ ވެރިކަމުގެ ހުރީ ބަލާކަށެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި އަމަންއަމާން ގާއިމު ކުރެވި ގައުމު ކުރިއަރައިގެން ދިއުން. އެހެންވީމާ އެކަން ކުރެވޭތަން ނުފެންނާތީ އަޅުގަނޑުމެން ނިކުމެގެން މިއުޅެނީ. އެކަން އެގޮތަށް ކުރެވޭނެ ބޭފުޅަކަށް އަޅުގަނޑު ވެސް މިހިރީ ވޯޓް ދޭށޭ. ކޮންމެހެން ކޯލިޝަންގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއް ކަމަށް ވިޔަސް އެފަދަ ބޭފުޅަކަށް އަޅުގަނޑު ވެސް ވޯޓް ދޭނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެއަށް ބަދަލު ގެނެވޭނެ ކަމާއި ތަރައްގީވެސް ކުރެވޭނެ ކަމާއި އެކަން ކަން ކުރެވޭނީ ހިތްވަރު ހުރެގެން ގާނޫނީ އިމުގެ ތެރޭންކަމަށެވެ.
ބައެއް ފަރާތްތަކުން ރާއްޖޭގައި އޮތީ ދެފިކުރެއް ކަމަށް ވިދާޅުވަމުން ގެންދަވާތީ ގާސިމް ވިދާޅުވީ ރާއްޖޭގައި އޮތީ އެންމެ ދެފިކުރެއް ނޫން ކަމަށެވެ.
މިހާތަނަށް 130 ރަށަށް ދަތުރު ކުރައްވާފައި ވާ ކަން ފާހަގަކުރައްވަމުން، އެރަށް ރަށުން ޖުމްހޫރީ ޕާޓީ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ