ހައްލެއް ލިބޭނީ މާލެ - ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުން

ސްޓެލްކޯއިން މާލޭގައި ހިންގާ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން މީހުނަށް ސިއްހީ ގެއްލުންތައްވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މާލެ - ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ބުނެފި އެވެ.
ޔޫއާރްއޭ އިން މިހެން ބުނީ މައި ކަރަންޓް ކުންފުނި، ސްޓެލްކޯ އިން މާލޭގައި ހިންގާ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން ސިއްހީ ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން ބައެއް މީހުން މަހްރޫމުވާތީ އެ މައްސަލަ ހައްލު ކުރަން އެޗްއާރްސީއެމުން ސްޓެލްކޯއަށް އެންގުމަށް ނިންމާފައި ވަނިކޮށެވެ.
އެގޮތަށް އެންގީ ގ. ފެހިރިހީގައި ދިރިއުޅޭ ބަޔަކު އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް ކޮމިޝަނުން ބެލުމަށްފަހު އެެވެ.
މި މައްލައާ ގުޅޭ ގޮތުން ޔޫއާރްއޭ އިން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައަށް އޮތް އަވަސް ހައްލެއް ކަމަށް އެ އޮތޯރިޓީއަށް ފެނުނީ ސްޓެލްކޯގެ ވަގުތީ ޖެނެރޭޓަރުތައް ހިންގުން ހުއްޓާލުން ކަމަށެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ މާލެ - ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލެވިގެނެވެ. އޭގެ ސަބަބުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމުގައި ސްޓެލްކޯ އިން ބުނެ އެވެ. އަދި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ސައުންޑް އެޓެނުއޭޝަން މެޓީރިއަލް ބޭނުން ކޮށްގެން ވަގުތީ އިންޖީނުތައް ބެހެއްޓިފައިވާ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ސްޓެލްކޯއިން ބުނާ ކަމަށް ޔޫއާރްއޭގެ ބަޔާނުގައި ވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ