ގުދުސްއަކީ މުސްލިމުންގެ ބާރު ހިނގާ ބިމެއްގެ ގޮތުގައި ބާއްވައިދިނުމަށް މައުމޫން އެދިވަޑައިގެންފި

ގުދުސްގެ ބިން ހިމާޔަތް ކޮށް މުސްލިމުންގެ ބާރު ހިނގާ ބިމެއް ގޮތުގައި އެތަން ބޭއްވުމަށް އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މުސްލިމުންގެ މުގައްދަސް ބިމެއް ކަމަށްވާ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށްފަހު، އިސްރާއީލުގެ ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވުމަކީ އެމެރިކާއިން އެތައް އަހަރެއް ވަންދެން ގުދުސްއާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އާއި އަދި ހާއްސަކޮށް ގުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށެވެ. ގުދުސްގައިވާ މަސްޖިދުލް އަގްޞާ އަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަން ފާހަގަކުރައްވާ މިބަޔާނުގައި ވިދާޅުވެފައިވަނީ އަގްޞާ މިސްކިތަކީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން ހަރަމްގެ ތެރެއިން އެއް ހަރަމު ކަމަށެވެ. އެހެންކަމުން މިބިން ހިމާޔަތްކޮށް މުސްލިމުންގެ ބާރު ހިނގާ ބިމެއް ގޮތުގައި ބޭއްވުމަށް އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމެރިކާގެ މިނިންމުމުގެ ސަބަބުން ފަލަސްތީނާއި މުސްލިމުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މިނިންމުމަކީ މެދުއިރުމަތީގެ ސުލްހައަށް ވަރަށް ބޮޑެތި ހުރަސް އެޅި، ހަމަނުޖެހުންތައް އިތުރުވެ ހަރުކަށި އަމަލުތައް އިތުރުވެގެން ދާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މީއިތުރުން ގުދުސްގެ މައްސަލާގައި އެމެެރިކާ އިން ނިންމި ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާފާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެމެރިކާގެ މި ނިންމުމަކީ އިންސާފުން އެއްކިބާވެ، ތާރީހީ ހަމަތަކާ ޚިލާފު، އަދި މެދު އިރުމަތީގެ ސުލްހައަށް ބޮޑެތި ހުރަސްތަކެއް އަޅާނެ ނިންމުމަކަށްވާތީ މި ނިންމުން އެންމެ ހަރުކަށި އިބާރަތުން ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ