ކެންޑިޑޭޓުންގެ ޝަރުތާއިމެދު ގޮތެއް ނިންމާނީ ފުރިހަމަ ސުޕްރީމް ކޯޓަކުން: ރައީސް ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ޕްރައިމަރީ ބާއްވާއިރު ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތާއި ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ފުރިހަމަ ސްޕްރީމް ކޯޓަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް ބާއްވާ އިރު ފަސް ކަމަކަށް ސަމާލުކަން ދިނުމަށް އަންގާ މިއަދު އިލެކްޝަނުން ކުރި އިއުލާނަށް ރައްދުދެއްވާ ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތާއި ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބަވާ ފުރިހަމަ ސްޕްރީމް ކޯޓަކުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ކެންޑިޑޭޓުންގެ ޝަރުތާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނަކީ ޤައިރު ޤާނޫނީ ހާސަރެއްކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް ބާއްވާ އިރު ފަސް ކަމަކަށް ސަމާލުކަން ދިނުމަށް އަންގާކަމަށެވެ.
ސަމާލަކަން ދިނުމަށް އަންގާފައިވާ ކަންތަކަކީ:
1. ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން. އަދި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިނުވާނަމަ، މީގެ ކުރިން ޕާޓީގެ ޕްރައިމަރީތައް ބޭއްވުމުގައި ޢަމަލުކޮށްފައިވާ އުޞޫލާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން.
2. ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.
3. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުޞަތު ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ފަހިކޮށްދިނުން.
4. ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔުން.
5. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރުކުރުން.
އެކޮމިޝަނުން ބުނީ އެ އިއުލާނުގައި ބުނެފައިވާ ގޮތަށް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީ ތަމްޞީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި، ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ކެޑިޑޭޓަކަށް ޓިކެޓް ދޭން ނިންމާނަމަ ވެސް އެކަން ކޮމިޝަނަށް އަންގަންވާނެކަމަށެވެ. އެގޮތުން ޕްރައިމަރީއެއް ބާއްވާނަމަ، 21 މެއި 2018 އިން 01 ޖުލައި 2018 އާއި ދެމެދު ޕްރައިމަރީ ބާއްވަން ޖެހޭކަމަސާއި އަދި އެ ޕްރައިމަރީ އެއް ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިން އޭގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތާއި އެ ބާއްވާ ތާރީޚް އެކޮމިޝަނަށް އަންގަންވާނެ ކަމަށްވެސް މިއަދު އެ އިއުލާނުގައިވަނީ ޕާޓީތަކަށް އަންގާފައެވެ.
މީގެ އިތުރުން ޕްރައިމަރީ ބޭއްވުމަށް ފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފޮނުވަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިލެކްޝަނުން މިއަދު ޕާޓީތަކަށް އެކަން އަންގާ އިއުލާން ކުރި އިރު, އިދިކޮޅު އެމްދީޕީ އިން މިމަހު 30 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ ވެސް ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބެފުޅެކެވެ. އެހެންކަމުން އެ ހުކުމުގެ ސަބަބުން އެމަނިކުފާނަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތެއް ވަނީ އުނިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ