ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީއިން ވާދަ ކުރައްވާ އަބްދުﷲ ޝާހިދަކީ ދިވެހި ޤައުމު ވިއްކާލުމަށް ޑީލް ހެއްދެވި ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހެންވޭރު އުތުރަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ޕީޕީއެމް ކެންޑިޑޭޓް މާޒް ސަލީމްގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ޝާހިދުގެ ނަން ވިދާޅުނުވެ، ޢުމަރު ވިދާޅުވީ ޝާހިދު ވަނީ އިންޑިޔާއަށް ސިއްރުން ދަތުރު ކުރައްވައި، ޤައުމު ވިއްކާލުމަށް ޑީލް ހައްދަވާފަ ކަމަށެވެ.
"އޭރުގެ އިދިކޮޅު ޕާޓީގެ ލީޑާރާ އެކު ދިއްލީއަށް ސިއްރުން ދަތުރު ކުރައްވައި، އެތަނުގެ ވީއައޕީ ލޯންޖުގައި ޑީލެއް ހެއްދެވި ކަމީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް. އެއީ މި ޤައުމު ވިއްކާލި މީހާ މާޒް ސަލީމާ ދެކޮޅަށް ވާދަ ކުރަނީ." ޢުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، މިއަދު ޝާހިދު ނިކުންނަވާ، އިޚުލާސްތެރިއަކަށް ވޯޓު ދެއްވާށޭ ބުނާ ބުނުމަކީ މަޖާ ކަމެއް ކަމަށެވެ.
"މި ދަންނަވާ ބޭފުޅާގެ ބޮސް، މިދިޔަ 30 އަހަރު އޭނާގެ މަތީގައި ހުންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވީ، އެމަނިކުފާނު ވެސް ހައިރާންވާ ވަރުގެ އިޚުލާސްތެރިއެކޭ އެއީ." ޢުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އަބްދުﷲ ޝާހިދަށް ވޯޓް ދެއްވައިފި ނަމަ، އެމަނިކުފާނަށް ވޯޓް ދެއްވާ ފަރާތެއްގެ ވޯޓުތައް ދާނީ ކޮން ޕާޓީއަކަށް ކަމެއް ނޭނގޭނެ ކަމަށެވެ.
"އެމްޑިޕީ ބޭފުޅުންގެ ވޯޓު އަބްދުﷲ ޝާހިދަށް ދެއްވައިފިއްޔާ، އެ ވޯޓު ލެވުނީ ކޮން ޕާޓީއަކަށް ކަން ވެސް ނޭނގޭނެ. މިހާރުވެސް [ޝާހިދު] ހުންނަވާނީ ތައްޔާރަށް ކޮންމެސް ޑީލެއް ހައްދަވަން." ޢުމަރު ވިދާޅުވި އެވެ.
މި ޖަލްސާގައި، ޢުމަރު ވަނީ އަމިއްލަ ގޮތަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ވެސް އެބޭފުޅުންގެ ނަންތައް އަނބުރައި ގެންދަވައި، ޕްރޮގެރެސިވް ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އަބްދުﷲ ޝާހިދަކީ މި ޤައުމު ވިއްކާލުމަށް ޑީލް ހެދި މީހެއް - ޢުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ