ރިޔާސީ އިންތިހާބަށް ޕީޕީއެމްއިން ނުކުންނާނެ ކެންޑިޑޭޓެއްގެ ވާހަކަ ނުދެއްކެވުމަށް މައުމޫން އެދިވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(ގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ބޭފުޅެއްގެ ވާހަކަ ނުދެއްކެވުމަށާއި މީޑިއާއިން ސުވާލުކޮށްފި ނަމަ "އަދި ތިކަމަކާ ނުވިސްނަމޭ" ވިދާޅުވުމަށް ޕާޓީ އުފެއްދުމުގައި އިސް އުޅުއްވާ ބޭފުޅުންގެ އަރިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އެދިވަޑައިގެންފި އެވެ.
މައުމޫން އުފައްދަވާ ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށް މިރޭ ހުޅުވި "އަހަރެން ވެސް ޕީޕީއެމް"ގެ ކެންޕެއިން ޖަގަހަ )ކުރީގެ ޑީއާރްޕީގެ މައި ޖަގަހަ(ގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލައްވަފާނެތޯ ނޫސްވެރިން ސުވާލު ކުރާ ކަމަށާއި ނަމަވެސް ނޫސްވެރިން ކުރާ ސުވާލުތަކުގެ ޖަވާބަކަށް "ތިކަމަކާ ނުވިސްނަމޭ" ވިދާޅުވާ ކަމަށެވެ. އަދި ޕާޓީ މެންބަރުންނާއި އެހެން ބޭފުޅުންވެސް "ތިކަމަކާ އަދި ނުވިސްނަމޭ" ވިދާޅުވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑާ ނޫސްވެރިން ސުވާލުކުރޭ [ރިޔާސީ އިންތިހާބުގައި މަނިކުފާނު ވާދަކުރައްވާނެތޯ]. އަޅުގަނޑު ބުނިން ތިކަމަކާ އަދި ނުވިސްނަމޭ. ތިވާހަކަ ދައްކާކަށް އަދި ނުޖެހެޔޭ. ތިހުރިހާ ބޭފުޅުން ވެސް އެހެން ވިދާޅުވިއްޔާ ރަނގަޅު. ތިމަންނަމެން ތިކަމަކާ ނުވިސްނަމޭ. ތިވާހަކައެއް ނުދައްކަމޭ. އަދި ތި ދުވަސް އަންނާނެޔޭ. އައިމަ ވަރަށް ރީތިކޮށޭ މިކަން ނިމިގެންދާނީ،" މައުމޫން މިރޭ ވިދާޅުވި އެވެ.
~
ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު މައުމޫން އަލުން ރައީސް ކަމަށް ކުރިމަތިލައްވާފާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީން ކަމަށާއި ޕްރައިމަރީއަށްފަހު އެކަން އެންމެނަށް ވެސް އެނގިގެންދާނެ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ޕާޓީގެ ހުރިހާ ބޭފުޅުންނަށް ހުޅުވާލެވިފައިވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީއަށް ވަދެވަޑައިގަންނަވާ ހުރިހައި ބޭފުޅުންނަށް ވެސް އެފުރުސަތު [ޕްރިމަރީގައި ވާދަކުރުމުގެ ފުރުސަތު] އޮންނާނެ. ހަމައެކަނި ޝަރުތަކީ ގާނޫނު އަސާސީގައި ބުނާ ރައީސް ކަމުގެ ޝަރުތު،" މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ އެތެރޭގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ޕާޓީއެއް އުފެއްދުމަށް ނިންމެވީ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އެ ނިންމަކީ އެތައް ބައެއްގެ އެދުމުގެ މަތިން ކުރެއްވި ކަމެއް ކަމަށެވެ. އަދި ޕީޕީއެމްއަކީ "ވަކި މީހަކާ ދެކޮޅަށް" އުފައްދެވި ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ މުސްތަގުބަލަށް އުފެއްދެވި ޕާޓީއެއް ކަމަށެވެ.
މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ ޑީއާރްޕީއަށް އިޝާރާތް ކުރައްވާ ވިދާޅުވީ މާޒީގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި "އެއޮތީ ވީކަމެއް ވިއްޔާ ވެފަ" ކަމަށެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އެހަގީގަތް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ތާރީހު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
"މަޒީގެ ވާހަކަ މާގިނައިން ދެން ދައްކާނެ ކަމެއް ނެތް. އެ އޮތީ ވީކަމެއް ވިއްޔާ ވެފަ. ނުވެ އޮތް ކަމެއް ވެއްޖެއްޔާ ނުވެ. ދެން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެހަގީގަތެއް ބަދަލެއް ނުކުރެވޭނެ. އެއީ ތާރީހު، ތާރީހަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އެހެންވީމަ މާޒީގެ ވާހަކަ ނުދައްކަވަމާ ހިންގަވާ. އަޅުގަނޑުމެން ދައްކާނީ މުސްތަގުބަލުގެ ވާހަކަ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ