މޫސުން ގޯސްވެ އުތުރުގެ ތިން އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ ތިން އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ ނ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ސަރަހައްދުތަކަށް މިރޭ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
މިރޭ 12:45 ހާއިރު މެޓް އޮފީހުން ނެރުނު އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 3:45 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ފިޔަވައި އެހެން ހިސާބުުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ، ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ