ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ކުއްލިއަކަށް ހައިލަމްގެ މައްސަލައެއް ތަޙްޤީޤު ކުރަން ޖޭއެސްސީ އިން ނިންމީ އޭނާ ބައްލަވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން މައްސަލައިގެ ޙުކުމް އިއްވަން ގާތްގަނޑަކަށް 24 ގަޑިއިރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.
ޖޭއެސްސީ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ހައިލަމްގެ ސްލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމެޓީއެއް މިއަދު އެކުލަވާލާފައިވާ ކަމަށެވެ.
ޖޭއެސްސީ އިން ބަލަން ނިންމީ ހައިލަމްގެ ކޮން މައްސަލައެއް ކަމެއް އެކޮމިޝަނުން ފުރަތަމަ ނެރުނު ބަޔާނުގައި ވިދާޅުނުވި ނަމަވެސް ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހައިލަމް އާއި ބެހޭ ގޮތުން ތަޙްޤީޤު ކުރަން ނިންމީ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުވި މައްސަލަ ކަމަށެވެ.
އެމައްސަލަ ބަލަން ނިންމީ އެއީ ސާބިތުވެއްޖެނަމަ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑާއި ހިލާފު ކަމަކަށް ވާތީ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
މި ސްކްރީން ޝޮޓަކީ ހަޤީޤަތުގައި ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ ސްކްރީން ޝޮޓެއް ކަމެއް އިތުބާރު ކުރެވޭ ފަރާތަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
ސްކްރީން ޝޮޓް މީސް މީޑިއާގައި ފުރަތަމަ އާއްމު ކުރީ އާއްމުގޮތެއްގައި ސައްހަ ނޫން ދޮގު މައުލޫމާތު ޓްވިޓާގައި ފަތުރަމުން ގެންދާ އެކްޓިވިސްޓެއް ކަމަށްވާ ޠައްތިބު ޝަހީމް އެވެ.
ހައިލަމްގެ މައްސަލައެއް ތަޙްޤީޤު ކުރަމުންދާ ކަމަށް ޖޭއެސްސީ އިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއްގައި ޔާމީންގެ ވަކީލަކު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ހައިލަމް ވިދާޅުވީ އޭނާގެ މައްސަލައެއް ތަޙްޤީޤު ކުރަމުންދާ ކަން ޖޭއެސްސީ އިން އަންގާފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ޖޭއެސްސީ އިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ