މައުމޫން ހަމީދުއާ އިންޓަވިއު ކުރަން ބާއްވަން އުޅުނު ކޮމިޓީ ކެންސަލްކޮށްފި

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދާ އިންޓަވިއު ކުރުމަށް މިއަދު ބާއްވަން ނިންމާފައި އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރުފަހު 2:15 ގައި ބާއްވަން ހަމަޖެހިފައި އޮތް ކޮމިޓީގެ ބައްދަލުވުން ކެންސަލްވިކަން މަޖިލީހުގެ އިދާރާއިން ކަށަވަރު ކޮށްދިން ނަމަވެސް ކެންސަލްވި ވަކި ސަބަބެއް ނުބުނެ އެވެ.
މިއަދު ބާއްވަން އުޅުނު ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ހުށަހެޅުއްވި ތިން ބޭފުޅުންނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ހުށަހަޅުއްވާފައިވާ ބޭފުޅާއާ ވެސް ކޮމެޓީން އިންޓަވިއު ކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
އީސީގެ ހުސްވެފައިވާ މެމްބަރު ކަމަށް ހުށަހަޅުއްވާފައިވާ ތިން ބެފުޅުންނަކީ އެ ކޮމިޝަންގެ ކުރީގެ އިސް ދެވެރިން ކަމުގައިވާ މުހައްމަދު ތޮލާލާއި، އިސްމާއިލް ހަބީބުގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮޕް ޕޮލިސް މުހައްމަދު ރިޝްވާނެވެ. އަދި ޕީއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ އައިމިނަތު ރުކުޝާނާ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ކުރިން އޮތް ނަމަވެސް ކޮމިޓީގެ މުގައްރިރު އަހުމަދު ސަމީރު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމުން އެ ކޮމިޓީގެ މެޖޯރިޓީ މިހާރު ވަނީ ސަރުކާރު ކޯލީޝަނަށް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ