އައިޑީބީގެ ލޯން އެއްބަސްވުމުގައި ސޮއިކުރިޔަސް ސަރުކާރުގެ ސިޓީ ނުލިބެންޏާ އެއްބަސްވުން ކެންސަލްވާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭ 20 މިލިއަން ޑޮލަރުގެ އެގްރީމަންޓުގައި ސޮއިކުރި ނަމަވެސް އެ ފައިސާ އަތަށް އަރާނީ ދިވެހި ސަރުކާރުގެ "ނޯ އޮބްޖެކްޝަން ލެޓާ" ލިބިގެން ކަމަށާއި އެ ސިޓީ ނުލިބިއްޖެ ނަމަ އެގްރީމަންޓް ކެންސަލްވާނެ ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކި ގައުމުތަކުގެ އަމިއްލަ ދާއިރާތައް ތަރައްގީ ކުރުމަށްޓަކައި އައިޑީބީގައި އުފައްދާފައިވާ ބްރާންޗް، ދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ )އައިސީޑީ( އާ އެކު ހޮރައިޒަން ފިޝަރީޒުން ސޮއިކުރީ ޑިސެމްބަރު 9 ގަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ "ނޯ އޮބްޖެކްޝަން ލެޓާ" ހުށަހަޅަން ޖެހެ އެވެ.
"އެގްރީމަންޓުގައި އަޅުގަނޑުމެން ސޮއިކުރިޔަސް އެ ފައިސާ އަޅުގަނޑުމެންގެ އަތަށް އަރާނީ ނޯ އޮބްޖެކްޝަން ލެޓާ ލިބުމުން. އެގްރީމަންޓުގައި ސޮއިކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ސިޓީ ހުށަނޭޅިއްޖިއްޔާ ދެން އެގްރީމަންޓް ކެންސަލްވާނެ. އެހެންވީމަ ބާކީ މި އޮތް 18 ދުވަހުގެ ތެރޭގައި ނޯ އޮބްޖެކްޝަން ލެޓާ ނުލިބިއްޖިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެގްރީމަންޓް ކެންސަލްވެ ދެން އަލުން އެތަނުގެ ބޯޑަށް ހުށަހަޅައިގެން ވަރަށް އުނދަގުލުން މި ކަންތައް ވާނީ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. "ނޯ އޮބްޖެކްޝަން ލެޓާގައި ސަރުކާރުން ހަމައެކަނި ބުނެލަންވީ ލޯން ނެގިޔަސް މައްސަލައެއް ނެތޭ. މިއީ ސަރުކާރު އަދި ރައްޔިތުން ވެސް ޒިންމާ އުފުލަން ޖެހޭ ކަމެއް ނޫން."
އޭނާ ވިދާޅުވީ ނޯ އޮބްޖެކްޝަން ލެޓާ ނުލިބެނީސް އައިޑީބީއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިސާ ނުލިބި އިތުރަށް ތާށިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. ގާސިމް ވިދާޅުވީ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް ސަރުކާރުގައި އެދިގެން އުޅޭތާ 10 ވަރަކަށް މަސް ވެއްޖެ ކަމަށެވެ. އެ ސިޓީ ދީފައި ނުވާތީ އެ މައްސަލަ މަދަނީ ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
"މިއަދަކު ނޫނީ މާދަމާ ކަން ނޭނގޭ ކޯޓުގެ ހުކުމް އަންނާނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ މިއީ ހަމަ އަޅުގަނޑުމެންނަށް ދަތިކުރުމަށް ސަރުކާރުން ކުރާ ކަމެކޭ. އަޅުގަނޑުމެންނަށް ހުރަސް އަޅަނީއޭ،" ގާސިމް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ މިދިޔަ މަހު ވިދާޅުވެފައި ވަނީ ހޮރައިޒަން ފިޝަރީޒަށް "ނޯ އޮބްޖެކްޝަން ލެޓާ" ނުދެވިގެން އުޅެނީ ފިނޭންސް މިނިސްޓްރީގެ ބަހެއް ނެތުމުން ކަމަށެވެ. އެހެންވެ އެ މިނިސްޓްރީގެ ބަހެއް ހޯދުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެ ފަރާތުން ބުނާ އެއްޗަކަށް ބައްލަވާފައި އެ ސިޓީ ދޫކުރައްވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިއަދު ވިދާޅުވީ ނޯ އޮބްޖެކްޝަން ލެޓާގެ މައްސަލަ މި ވަގުތު ކޯޓުގައި ހިނގަމުންދާތީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނޫން ކަމަށެވެ.
އައިޑީބީގެ 20 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން މައިގަނޑު ގޮތެއްގައި ކުރަން ހަމަޖެހިފައިވާ ކަމަކީ ހޮރައިޒަންގެ މަސް ފެކްޓަރީ ބޮޑުކުރުމާއި މަސްވެރިކަމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ. އެ ގޮތުން ލ. މާންދޫގައި ދުނިޔޭގެ ފެންވަރަށް މަހުގެ ބާވަތްތައް ބަންދު ކުރެވޭ ވަރަށް ފެކްޓްރީ ތަރައްގީކޮށް ހޯޑެއްދޫގައި އިންފްރާސްޓްރަކްޗަ ތަރައްގީ ކުރާނީ މި ލޯނުގެ އެހީގަ އެވެ.
އައިސީޑީން ބުނެފައި ވަނީ ހޮރައިޒަނަށް މިދޭ ލޯނަކީ ރާއްޖޭގައި އަމިއްލަ ފަރާތަކަށް އެ ޖަމާއަތުން ދޭ އެންމެ ބޮޑު އެހީ ކަމަށެވެ.
ގާސިމް ވިދާޅުވީ މި ލޯން ނުލިބި ގިނަ ދުވަސްތަކެއް ވުމުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެ ގޮތުން ކެޕިޓަލެއް ނެތުމުން މުވައްޒަފުންނަށް މުސާރަ ނުދެވި ތާށިތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ވެސް 10- 12 ބޯޓު އެ އޮތީ މަސް ގަންނަން ނުކުންނަން ތައްޔާރު ވެފައި. އެކަމަކު ކެޕިޓަލް އިންވެސްޓްމަންޓެއް ނެތި އެކަން ކުރެވޭކަށް ނެތް. މުވައްޒަފުންނަށް މުސާރައެއް ނުދެވޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވެފައި ވަނީ އައިޑީބީގެ ލޯނުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ބޭނުންކުރަން ނިންމާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ނަންގަވާފައިވާ ލޯނެއް ރިއެމްބާސް ކުރުމަށް ކަމަށެވެ. ބާކީ 15 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ވެސް ބޭނުންކުރައްވާނީ ބައެއް ލޯންތައް އެޖެސްޓް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އެހެންވީމަ އެ ލޯނުގެ ތެރެއިން އަޅުގަނޑުމެންގެ އަތަށް މި އަރަނީ 10 ވަރަކަށް މިލިއަން ޑޮލަރު. އެއީ ވޯކިން ކެޕިޓަލަކަށް ބޭނުންކުރާނެ ފައިސާ،" ގާސިމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ