ސ. ގަމުގެ ބަނދަރު ލަސްކޮށްލައި، އެ ބަޖެޓުން ފޭދޫ ބަނދަރު ހަދާ ގޮތަށް ހަމަޖައްސައިފި

ސ. ގަމުގައި ހަދަން ހަމަޖެއްސި ބަނދަރުގެ މަސައްކަތް ފަސްކޮށްލުމަށްފަހު، އެ ބަޖެޓުން ފޭދޫ ބަނދަރު މަރާމާތުކުރާ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ދެކުނު ޕްރޮވިންސް އޮފީހުން ބުނެފި އެވެ.
ޕްރޮވިންސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މީގެ 15 އަހަރު ކުރިން ހަދާފައިވާ، ދިގުމިނުގައި 900 ފޫޓު އަދި ފުޅާމިނުގައި 150 ފޫޓު ހުރި ފޭދު ބަނދަރު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ އޮގަސްޓް ހިސާބުގައި ފެށޭވަރު ވާނެ ކަމަށެވެ.
އެގޮތުން ގަމުގައި ހަދަން ނިންމައިފައި އޮތް ބަނދަރަށް ކަނޑައަޅައިފައިވާ ބަޖެޓް ރީ އެލޮކޭޓް[ބަދަލުކުރުމުގެ] ކަންތައްތައް މިހާރު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަމުގައި ހަދަން ސަރުކާރުން ނިންމައިފައި އޮތް ބަނދަރަކީ އެމްޓީސީސީ އާ ހަވާލުކޮށްގެން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަކުން ހަދަން ހަމަޖައްސައިފައި އޮތް ބަނދަރެކެވެ.
ގަމުގައި ބަނދަރެއް ހަދަން ހަމަޖައްސައި އެމްޓީސީސީ އާ އެކު ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ފޭދޫ ބަނދަރުގެ ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ތޮށިގަނޑުގެ އެކި ދިމާދިމާލުން ވެއްޓިފައި އޮތް އިރު އުޅަނދުތަކަށް ލަފާ ފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ، އެކަމުގެ ޝަކުވާތައް ވެސް ރަށު އޮފީހަށް ވަރަށް ގިނައިން ލިބޭ ކަމަށް ފޭދޫ އޮފީހުން ބުންޏެވެ. މީގެއިތުރުން ބަނދަރުތެރެ ތިލަވުމުގެ މައްސަލައަކީ ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް މައްސަލައެއް ކަމަށް ފޭދޫ އޮފީހުން ބުންޏެވެ. އަދި ފަހަކަށް އައިސް ތޮށިގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ވެއްޓެމުން އަންނާތީ ބަނދަރާ ބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް އެކަން ޕްރޮވިންސް އޮފީހަށް ފޭދޫ އޮފީހުން ހުށަހަޅައިފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ލިންކް ރޯޑާ ވެސް ގުޅިފައި އޮންނަ ފޭދޫ ބަނދަރަކީ އައްޑު އަތޮޅުގެ ރަށްރަށުގެ ބަނދަރުގެ ތެރެއިން އެންމެ ކާރޫބާރޫ ބޮޑު ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ބަނދަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ