ބޮޑު އަމުރަށް އެއް އަހަރު: މައުމޫން ވިދާޅުވީ އެއީ "ހުދުމުޚުތާރު" ވެރިކަމެއްގެ މައިބަދަ ބިންދާލި އަމުރުކަމަށް

މީގެ އެއް އަހަރު ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، ސުޕްރީމް ކޯޓުން ނިންމި ވަރަށް ޚާއްޞަ ނިންމުމެއްކަމަށާއި އެއީ، "ހުދުމުޚުތާރު" އަދި "އަނިޔާވެރި" ވެރިކަމެއްގެ މައިބަދަ ބިންދާލި އަމުރެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެއް އަހަރު ފުރުމާ ގުޅިގެން މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވިއިރު، އެދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، އެކި ކުށްކުށުގެ ސަބަބުން ބަންދު ކޮށްފައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމަށް އަމުރު ކޮށްފައިވެއެވެ.
"މީގެ އެއް އަހަރު ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލާ ޑިމޮކްރަސީގެ ވެރިކަން ދެމެހެއްޓުމަށް ގޮވާލާ 1 ފެބުރުއަރީ 2018 ގެ އަމުރު ނެރެފައި. އެއީ އަނިޔާވެރި ހުދުމުޚުތާރު ވެރިކަމެއްގެ މައިބަދަ ބިންދާލި ތާރީޚީ އަމުރެއް." މައުމޫން ވިދާޅުވިއެވެ.
އެދުވަހު ސުޕްރީމް ކޯޓުން ނެރުނުގައި މައްސަލަތަކެއް ހުރިކަމަށް އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ. އަދި އަމުރު ތަންފީޛު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ގޮވަމުންނެވެ.
އެދުވަހުގެ އަމުރާ ގުޅިގެން ފެބުރުއަރީ ފަސްވަނަ ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ