ރައީސް ނަޝީދާއި ގާސިމްގެ ޕާސްޕޯޓް ދޫކޮށްލައިފި، ގާސިމް ރާއްޖެވަޑައިގަންނަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދެ ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
ރައީސް ނަޝީދާއި ގާސިމްގެ ޕާސްޕޯޓްވެސް ހިފެހެއްޓީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އަނބުރާ ރާއްޖެވަޑައިނުގެންނެވުމުންނެވެ. ރައީސް ނަޝީދު އިނގިރޭސި ވިލާތާއި ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާއިރު ގާސިމް ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުވިލާތުގައެވެ.
އެނގިފައިވާ ގޮތުގައި ދެ ބޭފުޅުންގެ ޕާސްޕޯޓްވެސް ދޫކޮށްލާފައިވަނީ މިއަދު އެވެ.
މިރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަންނަ ބުދަ ދުވަހު މާލެ ވަޑައިގެންނެވުމަށް ނިންމަވާފައިވާކަމަށާއި ބުދަ ދުވަހު ހަވީރު ތިނެއް ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމުގައެވެ.
ގާސިމް ރާއްޖެވަޑައިގެންނެވުމަށް ނިންމެވިއިރު ގާސިން ތަންފީޒް ކުރައްވަމުން ގެންދެވި ހުކުމް ތަންފީޒްކުރުން ނިމުމަކަށް ގެނެސް ކަފާލާތުގެ ދަށުން މިރޭވަނީ ހައިކޯޓުން ގާސިމް މިނިވަން ކޮށްފައެވެ. ނަމަވެސް ރައީސް ނަޝީދު އަދި މިނިވަންކޮށްފައެއް ނުވެއެވެ.
ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުވެސް މިރޭވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ