ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވާއިރު، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ބޭނުންވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މެންބަރުން 26 އޭޕްރީލް ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތަކާއި، އެމްޑީޕީގެ ޓިކެޓަށް އެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނެ ކަމަށާއި، އަދި މި ފޯމު އެމްޑީޕީގެ ރަސްމީ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނޭ ކަމަށް ވެސް އެމްޑީޕީގެ އިއުލާނުގައިވެއެވެ.
މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަންކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށުގެރިކޯޑު ސާފުކޮށް ނިންމުމަށާއި، މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ 27 އޭޕްރީލް ވާ  ހޯމަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެމްޑީޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ގުޅިގެން އެއް ކެނޑިޑޭޓަކު ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ނެރުމަށް މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީގެ ޓިކެޓު ހޯދުމަށް މިހާތަނަށް ދެބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެއީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސެއިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ