މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި މޫސުން ގޯސް ވުމުގެ ސަބަބުން ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރުތައް ކަނޑައިގެން ގޮސް ގެއްލުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން، މިދުވަސްވަރު އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާ ޙަވާލުވެފައިވާ ފަރާތްތަކުން ފަޅުތެރޭގައި އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރަށް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ.
މީގެ އިތުރުން ރޭގަނޑު ދަތުރު ކުރާ ނަމަ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެބޮޑަށް ބަރުނުކުރުމަށާއި، ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި އަދި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ