އަޕްޑޭޓް ނުވާ ނޫސްތަކުން ވޯޓުލާ މައްސަލަ ބަލަނީ

އަޕްޑޭޓް ނުވާ ނޫސްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިހާބުގައި ވޯޓުލާން ފުރުސަތު ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އެއް ގޮތަކަށް ވެސް ނުހިނގާ ނޫސްތަކަށް ވޯޓުލާން ފުރުސަތު ދީފައިވާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހޯމް މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެންގޮސްފައިވާނެ ކަމަށެވެ. ވޯޓުގައި ބައިވެރިވާން 86 ނޫހެއް ވޯޓާސް ލިސްޓުގައި ރަޖިސްޓްރީކޮށްފައި ވެއެވެ.
އިންތިހާބުގައި މައްސަލަތަކެއް ހުރުމުން މިދިޔަ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. އިންތިހާބު ފަސްކޮށްފައިވަނީ އޭސީސީއިން މައްސަލަތަކެއް ބަލަމުންދާތީ އާއި ހޯމް މިނިސްޓްރީއަށް ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެވެ.
ލުތުފީ ވިދާޅުވީ، މީގެ ކުރިން ވެސް ވޯޓުލުމަށް ފުރުސަތު ދީފައިވަނީ ހިންގާ ނޫސްތަކަށް ކަމަށެވެ. މިފަހަރު 86 ނޫހަކަށް ފުރުސަތުދީފައިވާއިރު އޭގެތެރޭގައި ހަރަކާތްތެރިވާ ނޫސްތަކަކީ ކޮބައިތޯ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އޭސީސީއަށް ވަނީ އިންތިހާބަށް ހޯމް މިނިސްޓްރީ އިން މަދުން ނަން ފޮނުވި ކަމަށް ބުނާ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ޝައުގުވެރިވި އާންމު ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ވޯޓަށް ފޮނުވާފައިވަނީ 12 މީހެއްގެ ނަމެވެ. ގާނޫނުގައި ބުނާ ގޮތުން 14 މީހެއްގެ ނަން ފޮނުވަން ޖެހެ އެވެ.
މީޑިއާ ކައުންސިލްގައި 15 މެންބަރުން ތިއްބަވަން ޖެހެ އެވެ. އޭގެ ތެރެއިން އަށް ބޭފުޅުންނަކީ މީޑިއާއަށް ނިސްބަތްވާ ބޭފުޅުންނެވެ. ހަތް ބޭފުޅުންވާން ޖެހޭނީ އަމިއްލަ ފަރާތްތަކަށެވެ. މިފަހަރުގެ އިންތިހާބުގައި ހޮވަންޖެހެނީ 13 މެންބަރުންނެވެ. އެއީ ދައުރު ހަމަނުވާ ދެ ބޭފުޅަކު ތިއްބެވުމުންނެވެ. އެއީ މީޑިއާއަށް ނިސްބަތްވާ މެންބަރަކާއި އާންމު މެންބަރަކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާންމު ފަރާތްތަކުގެ ތެރެއިން 12 ނަން ފޮނުވާފައިވަނީ އެހެންވެ އެވެ. އިންތިހާބުކުރަން ޖެހެނީ އާމުންގެ ތެރެއިން ހަފަރާތް ކަމަށްވާތީ އެވެ. އެހެންކަމުން އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީއިން ވަނީ ނިންމާފަ އެވެ.
މިފަހަރުގެ އިންތިހާބަށް މީޑީއާތަކުން 17 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އަދި އާންމުންގެ ތެރެއިން 12 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ