ވޯލްޑް ސާފިން ގޭމްސްގައި ހޯދާ ކޮންމެ ރަން މެޑަލްއަކަށް 1.5 މިލިއަން ރުފިޔާ

ޖަޕާންގެ މިޔަޒާކީގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭގެ ރާޅާއެޅުންތެރިއެއް ހޯދާ ކޮންމެ ރަން މެޑަލްއަކަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން 1.5 މިިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ވޯލްޑް ސާފިން ގޭމްސްގައި ރަން މެޑަލް ހޯދާ ސާފަރަކަށް ދޭނީ އެއްލައްކަ ރުފިޔާ ނޫން ކަމަށާއި ރަން މެޑަލް ހޯދާ ކުޅުންތެރިޔަކަށް 1.5 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.
އަދި އެއީ އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ލިބޭނެ ފައިސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން ވަނީ މީގެކުރިންވެސް ރާއްޖެއަށް ރަންވަނަ ހޯދައިދިން އެތުލީޓުންގެ އަގުވަޒަންކޮށް ފައިސާގެ އިނާމު ދީފަ އެވެ.
ރާއްޖޭގެ ގައުމީ ރާޅާއެޅުންތެރިންގެ ޓީމުގައި ހިމެނޭ ހުސައިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ ވޯލްޑް ސާފިންގ ގޭމްސްގެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ގައުމީ ޓީމްގެ ކެޕްޓަން އިބޫ ވަނީ އޭނާގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދާފަ އެވެ. ހަތަރު ސާފަރުންނާއި ވާދަކޮށް އިބޫ ހީޓުގެ އެއްވަނަ ހޯދީ 9.3 ޕޮއިންޓާއެކު އެވެ.
ދިވެހި ޓީމުގައި ހިމެނޭ އިސްމާއިލް ރަޝީދު (ސްމައިލީ) ދެވަނަ ބުރުން ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސްމައިލީ ދެވަނަ ހޯދީ ހަތަރު ރާޅާއެޅުންތެރިންނާއި ވާދަކޮށް 9.07 ޕޮއިންޓާއެކު އެވެ.
ވޯލްޑް ސާފިން ގޭމްސްއިން ރާއްޖޭގެ ރާޅާއެޅުންތެރިން ހޯދި މި ކާމިޔާބީއާއި ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވަނީ އެ އެތުލީޓުންނަށް މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވާފަ އެވެ. އަދި ރާއްޖޭގެ ދެ ރާޅާއެޅުންތެރިން ދެވަނަ ބުރަށް ދަތުރުކުރުމަކީ ރާއްޖޭގެ ސާފިން އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ދެވަނަ ބުރުގައި ވާދަކުރާ ދެ ރާޅާއެޅުންތެރިންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.
ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވާދަކުރެ އެވެ. މީގެކުރިންވެސް ރާއްޖެއިން ވަނީ ސާފިން ގޭމްސްގައި ވާދަކޮށްފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ މުބާރާތުގައި ވެސް ރާއްޖެއިން ވާދަކުރި އެވެ. ނަމަވެސް އޭގެފަހުން އެކި ސަބަބުތަކާއި ގުޅިގެން ބައިވެރި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ