ޕީޕީއެމް އުފެއްދެވީވެސް އަދި ނިމިގެންދިޔަ އިންތިހާބުތައްވެސް އެޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ ރައީސް މައުމޫންގެ ސަބަބުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ޕީޕީއެމް އުފައްދައި ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ރަޖާލައިގެން ގޭގައި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްެކެވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދެވީވެސް އަދި ނިމިގެންދިޔަ އިންތިހާބުތައްވެސް އެޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ ރައީސް މައުމޫންގެ ސަބަބުންކަމަށެވެ. އަދި ރައީސް މައުމޫން ޕީޕީއެމްގައި ނެތްނަމަ ޕްރައިމަރީވެސް ގެއްލުނީސްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
"ޕީޕީއެމް އުފެއްދީ އަދި އިންތިހާބުތައް ކާމިޔާބު ވީވެސް ރައީސް މައުމޫންގެ ސަބަބުން. ރައީސް މައުމޫން ނެތް ނަމަ ޕްރައިމަރީވެސް ގެއްލުނީސް." އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ އުފެއްދުމަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓް ހޯދުމަށް ވާދަކޮށްފައިވަނީ ރައީސް ޔާމީނާއި، އުމަރު ނަސީރެވެ.
ހިޔާލް ތަފާތުވުންތަކާއި ގިނަ ތުހުމަތުތަކެއް ކުރެވިގެންދިޔަ ޕްރައިމަރީއަށްފަހު ޕާޓީގެ ޓިކެޓް ކާމިޔާބުކުރައްވާ ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރު ވެގެންދިޔައިރު ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ވަަރަށް ބޮޑަށް ގޯސްވެ ދެ ފެކްޝަނެއްގެ ގޮތުގައި ޕީޕީއެމް ދަނީ ހިންގަމުންނެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫނަށާއި އެމަނިކްފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވަނީ ޕީޕީއެމް އުފައްދައި ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ރަޖާލައިގެން ގޭގައި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕީޕީއެމް ހަރުދަނާ ޕާޓީ އަކަށް ހެދުމަށް މަސައްކަތް ކުރިއިރު އެޕާޓީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ ދުރުގައި ކަމަށާއި ވެރިކަން ލިބި ރައްޔިތުންނަށް ހިދުމަތް ކުރަން ފުރުސަތު ލިބުމުން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަންވީ ކީއްވެގެންތޯ ސުވާލު އުފެދޭކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް އުފެދިގެން އެންމެ ފުރަތަމަ ވާދަ ކުރަން ޖެހުނީ ގދ. ގައްދޫ ބައި އިލެކްޝަނުގައިކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރަންވެސް ޕާޓީގެ ބައެއް އިސް ވެރިން މަސައްކަތް ނުކުރައްވާކަމަށެެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، އުސޫލްތަކާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާތީ ރައީސް މައުމޫން ވަނީ މިސަރުކާރަށް ކުރައްވަމުންދިޔަ ތާއީދު އަނބުރާ ގެންދަވާފައިވާކަން ހާމަކުރައްވާފައެވެ.
ރައީސް މައުމޫން ވަނީ ރައީސް ޔާމީން 2018 ވަނަ އަހަރު އިންތިހާބުވުމަށް އެދިވަޑައިނުގަންނަވާކަމަށާ ރައްޔިތުން އެދޭފަދަ ވެރިކަމެއް 2018 ވަނަ އަހަރު ގާއިމްކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އިންތިހާބުތައް ކާމިޔާބުވީ މައުމޫންގެ ސަބަބުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ