ވެރިކަން ކުރާ ޕީޕީއެމްގެ ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދަވައިފި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާންކުރައްވައިފި އެވެ.
ރައީސް މައުމޫން މިކަން އިއުލާންކުރެއްވީ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ ފާހަގަކުރުމަށް މިރޭ އެމަނިކުފާނު ބާއްވަން މަސައްކަތް ކުރެއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ފިކުރާ ވިސްނުމާއި އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން ކަމަށެވެ. އަދި މިސަރުކާރުގެ ތެރޭގައި މިހާރު ހިނގަމުންދާ ބޮޑެތި ކަންކަމުގެ ޒިންމާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ނަގަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން މިސަރުކާރަށް ވޭތުވެދިޔަ ދުވަސްތަކުގައި ކުރަމުން ދިޔަ ތާއީދު ގެންދަވައިފި ކަމަށެެވެ.
"އަޅުގަނޑު ނެތިން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ މިހިނގާ ބޮޑެތި ކަންތައްތަކުގެ ޒިންމާ އަޅުގަނޑު އުފުލާކަށެއް. އަޅުގަނޑު ބޭނުމެއް ނޫން ފަހުންވެސް ބުނެވޭކަށެއް ޕީޕީއެމްގެ ރައީސްގެ މަގާމުގައި މިވެނި މީހަކު ހުރެގެން ޕީޕީއެމްގެ ސަރުކާރުންނޭ މިވެނި މިވެނި ކަންތައްތަކެއް ކުރީ. އެހެންވީމާ މިއަދުން ފެށިގެން އަޅުގަނޑު ޕީޕީއެމްގެ މިހާރު އުފެދިފައި މިވާ ސަރުކާރަށް ދެމުން އައި ތާއީދު އަނބުރާ ގެނެސްފިން. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާންގައި މިސަރުކާރަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރަށް ކުރަމުން ދިޔަ ތާއީދު ގެންދެވިކަން އިއުލާންކުރެއްވުން އެއީ ހިތާމައެއް ކަމަށެެވެ. އަދި އެގޮތަށް ވިދާޅުވެ ހުންނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި ކަންކަން އިސްލާހުކުރެވޭތޯ މަސައްކަތް ކުރައްވާތާ އަހަރެއް ވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މައްސަލަތަކާއި ގުޅިގެން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ޔާމީނާ ބައްދަލުނުވާތާ އަހަރަކަށް ވުރެ ގިނަ ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
"ދެން ކިހިނެއްތޯ ޕާޓީ ތެރޭގެ ކަންތައްތައް އިސްލާހުކުރާނީ. ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނީ. އެފުރުސަތެއް ނުލިބުނު. ދެން އަޅުގަނޑު ބޭނުމެއް ނޫން މިބަނދުނާމު ބޮލުގައި އަޅައިގެން ހުންނާކަށެއް،" އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެމަނިކުފާނާ މެދު އަމަލުކުރައްވާ ގޮތް ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު އެމަނިކުފާނު އަނބުރާ ގެންދެވި ނަމަވެސް ޕީޕީއެމް ހިންގާނެ ކަމަށެވެ. ޕީޕީއެމްއަށް މިހާރު ލިބިފައި އޮތް ކާމިޔާބީ ކުރިއަށް އޮތް ދުވަސް ތަކުގައި ދަމަހައްޓައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ކައުންސިލް ވެސް ދެމިއޮންނާނެ ކަމަށާއި ކައުންސިލްގެ ބައްދަލުވުންތައް ވެސް ބާއްވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއާއި، ޕީޕީއެމްގެ ސަރުކާރުގެ ކަންކަން ގޯސްވެގެން ދިޔައީ އަސްލު ޕީޕީއެމްގެ ފިކުރު ނެތް ބަޔަކު "ޕީޕީއެމްގެ ހެދުމުގައި" ޕާޓީއާއި ސަރުކާރުގެ ތެރެއަށް ވަނުމުން ކަމަށެެވެ. އެގޮތަށް ވަދެފައިވަނީ ރައީސް އަބްދުﷲ ޔާމީން ލީޑަރު ކަން ކުރެއްވި އަދި މިހާރު އުވާލާފައިވާ ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން އައި ބައެއް ކަމަށްވެސް ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނަކީ ވެސް ޕީއޭގެ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ އުސޫލުތަކާއި އަސާސީ ގަވައިދު ގަބޫލުނުކުރާ ބަޔަކު އަޅުގަނޑުމެންގެ ހެދުން އަޅައިގެން ޕީޕީއެމްގެ މިކުލައިގެ ހެދުން އަޅައިގެން ޕީޕީއެމްގެ ތެރެއަށް ވަދެ އަޅުގަނޑުމެންނަށް ކަންކަން އޮޅުވާލައިފި. އެހެންވީމާ އެމީހުންގެ ބަސް މިހިނގަނީ. ޕީޕީއެމްގެ ބަހެއް ނޫން، ޕީޕީއެމްގެ ފިކުރެއް ނޫން. އެއީ މިދިމާވެގެން އުޅޭ މައްސަލަ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ މައްސަލައަކީ،" ޕީއޭއިން ޕީޕީއެމްއާ ގުޅުނު ބޭފުޅުންނަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އިންތިހާބީ ރައީސްގެ އަތްޕުޅުން ބާރުތައް އަތުލުމަށް ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ހިންގާ ގައިރު ގާނޫނީ މަސައްކަތްތަކަކީ އެހެން ޕާޓީ ތަކަށް ދޭ ވަރުގަދަ އިންޒާރެއް ކަމަށެވެ. އެގޮތަށް ޕާޓީއަކަށް ކަމެއް ދިމާވުމުން އެހެން ޕާޓީ ތަކުން، ތިމަންނަމެންނަށް އެއްްވެސް ކަމެއް ނުވާނެ ކަމަށް ބަލައި ދުރުގާ ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ޑިމޮކްރަސީއާއި، ގާނޫނު އަސާސީއާއި އަދި ދިވެހި ރައްޔިތުންގެ ދިފާއުގައި މިވަގުތު އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެމަސައްކަތް ނުކޮށްފިނަމަ ރާއްޖެ ސިޔާސީގޮތުން ވެއްޓިގެންދާނީ ފުންމިން ނޭނގޭ ވަރަށް އަދިރި ވަޅުގަނޑަކަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ގޯސްކޮށް ކުރަމުން ގެންދާ ވަރަށް ގިނަ ކަންކަން ފާހަގަކުރައްވާ އެކަން ކަމާއި މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އަދި އެކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެސް ވެއެވެ.
ސަރުކާރަށް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ