ފަތުވާއަކީ ހަވާނަފްސުގެ އެދުންތަކާއި ސިޔާސީ މަގުސަދުތަކުން އެއްކިބާވެފައިވާ ފަތުވާއަށް ހަދަންޖެހޭ: މައުމޫން

އިލްމުވެރިން ދެއްވާ ފަތުވާ އަކީ ހަވާނަފްސުގެ އެދުންތަކާއި ސިޔާސީ މަގުސަދުތަކުން އެއްކިބައިވެފައިވާ ފަތުވާއަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެެވެ. މިސްރުގެ ގާހިރާގައި މިއަދު ފެށި، ދީނީ ހައްދުފަހަނައެޅުމާއި ދެކޮޅަށް ބާއްވާ ބައިނަލްއަގުވާމީ ފަތުވާ ކޮންފަރެންސްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ، އިލްމުވެރިން ނެރޭ ފަތުވާއަކީ ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކުން އޭގެ ނާޒާހަތްތެރިކަން ޤަބޫލުކުރާފަދަ ފަތުވާތަކަކަށް ހަދަން ޖެހޭ ކަމަށެވެ. ފަތުވާގެ މައްސަލައަށް ޢަމަލީ ޙައްލެއް ހޯދައިދިނުމަށާއި، ފަތުވާއަށް އޭގެ ޝަރަފުވެރި މަޤާމު ހޯދައިދިނުމަށްޓަކައި، މިއަދު އަޅުގަނޑުމެން ނުހަނު މަތިވެރި ޒިންމާއެއް އަދާކުރަންޖެހޭ، ރައީސް މައުމޫން އެ ކޮންފަރެންސް ބޭއްވެނީ ތަފާތު އެކި ފަތުވާ ނެރެމުންދާ ދުވަސްވަރެއްގައިކަމަށާއި، އެގޮތުން އެންމެ އާދައިގެ ފިޤްހީ މައްސަލަތަކުން ފެށިގެން ބޭންކު މުޢާމަލާތްތަކާއި، ޖިހާދުކުރުމާއި، ހަރުކަށި އަމަލުތައް ހިންގުމާއި، އެބާވަތުގެ އެތައް މައްސަލަތަކެއްގައި ފަތުވާތައް ނެރެމުންދާ ދުވަސްވަރެއްގައި ކަމަށްވުމުގެ ސަބަބުން މުސްލިމު ރައްޔިތުންގެ ވިސްނުމާއި ޚިޔާލަށްވަނީ ތަފާތު އޮޅުންބޮޅުންތައް އަރާފައި ކަމަށް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނު މިސްރުގެ ގާހިރާގައި ތަގުރީރު ކުރައްވަނީ : ފޮޓޯ: މައުމޫނުގެ އޮފީސް މިސްރުގެ ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން 'ފަތުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ފަތުވާގެ މުސްތަޤްބަލުގެ އުދަރެސްތައް' މި މައުޟޫއުގެ މައްޗަށް ބާއްވާ ދެދުވަހުގެ މަހާސިންތާގައި މިއަދު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފަތުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި، ސުންނަތާއި، އިޖުތިހާދު ކުރުމުގެ ޤަވާއިދުތަކާއިމެދު އެކަށީގެންވާ މިންވަރަށް ޢިލްމު ލިބިފައި ނުވާ ފަރާތްތަކުން ފަތުވާ ދިނުމަށް ކުރިމަތިލުން ހިމެނޭ ކަމަށެވެ. އަދި ގިނަ އިސްލާމީ ޤައުމުތަކުގައި ފަތުވާދިނުން ހައްގުވާ ފަރާތްތައް ނުވަތަ މުއައްސަސާތައް ކަނޑައަޅައިދޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ފަތުވާދޭ މުފްތީންގެ ޝަރުތުތައް ބަޔާންކޮށްދޭ ހަރުދަނާ ޢާންމު އުސޫލުތަކެއް އެކަށައެޅިފައި ނުވުންވެސް އެއީ ސަބަބެއްކަމުގައި މައުމޫނު ވިދާޅުވިއެވެ. އިސްލާމްދީނުގައި ހަމަޖެހިފައިވާ، ފަތުވާ ދިނުމުގެ ޢިލްމީ ވަޒީފާއަކީ، އެހެން އެއްވެސް ދީނެއްގައި އެފަދަ ނިޒާމެއް ހަމަޖެހިފައި ނުވާފަދަ ހަރުދަނާ ނިޒާމެއް. ރައީސް މައުމޫން ްއެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ޝާމިލްވާ ދީނެއްކަމަށްވާތީ ކޮންމެ މުޖްތަމަޢެއްގައިވެސް، މި މަތިވެރި ދީނީ ވާޖިބު އަދާކުރާނެ ފަރާތެއް ކަނަޑައެޅިފައިވުމަކީ، ލާޒިމުވެގެންވާ ކަމެއްކަމަށެވެ. ރައީސް މައުމޫން ފާހަގަކުރެއްވިގޮތުގައި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގައި ފަތުވާ ދިނުމަށް ޚާއްޞަވެފައިވާ ރަސްމީ މުއައްސަސާތައް ހުރެއެވެ. ރައީސް މައުމޫންގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، މި މަގުސަދުތައް ހާސިލްކުރެވޭނީ، އަޅުގަނޑުމެންގެ އެންމެހާ ފަތުވާތަކަކީ، ޤުރްއާނާއި، ސުންނަތާއި އަދި އިތުބާރު ހުރި އެހެނިހެން ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާވެގެންވާ ފަތުވާތަކަކަށް ހަދައިގެން ކަމުގައެވެ. " އިސްލާމީ ޝަރީޢަތުގެ ރޫޙާއި، ދީނުގެ ޢާންމު އުޞޫލުތަކާއި، ޒަމާނާއި، ތަނާއި ގުޅޭގޮތަށް ބައްޓަންވެފައިވާ ލުއިފަސޭހަ ފަތުވާތަކެއް ކަމުގައި ވެގެން،" މައުމޫނު ވިދާޅުވިއެވެ. ފަތުވާ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެެ. ރައީސް މައުމޫނު މާދަމާ މިސްރުގެ ރައީސް އައްސީސީ އާއި ބައްދަލުކުރައްވާނެ ކަަމަށް ކުރީގެ ރައީސް މައުމޫނުގެ އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ