މަގޫދޫ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ފ. މަގޫދޫ އިންޖީނުގެއިން މިހާރު ދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ކުރިޔަށް އޮތްތަނުގައި ހެޔޮވާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މަގޫދޫ އިންޖީނުގެއާ ރަސްމީކޮށް ހަވާލުވުމަށް މިއަދު ހެނދުނު ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު މޫސާ އިބްރާހިމް ވިދާޅުވީ ކުންފުނިން މިހާތަނަށް 140 އަށް ވުރެ ގިނަ އިންޖީނުގެއާ ހަވާލުވެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މަގޫދޫގެ އިންޖީނުގެއަކީ ރަނގަޅު ފެންވަރެއްގައި ހުރި އިންޖީނުގެއެއް ކަމަށާއި އިންޖީނުގެ ހަވާލުވުމާއެކު އެރަށުގެ ރައްޔިތުން މިހާރަށްވުރެ ކަރަންޓުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ނަސީރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންއާއި އެރަށު އިންޖީނުގެ ހަވާލު ކުރަނީ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ނުދެވޭތީ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންއާއި އިންޖީނުގެ ހަވާލު ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންއާއި ހަވާލު ކުރި މަގޫދޫ އިންޖީނުގެއަކީ 28 އަހަރު ވެފައިވާ އިންޖީނުގެއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ