އަޒްމިރަލްދާއާއި ސުއޫދަށް އުޝާމްގެ ރައްދު: އަޑުއެހުންތައް ދިޔައިރު ނުފޫޒު ފޯރުވި ވާހަކަ ވިދާޅުނުވީ ކީއްވެތޯ؟

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ސަރުކާރުން ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ކުރައްވާ ތުހުމަތުތަކަށް އުޝާމް މިރޭ ރައްދު ދެއްވައިފައެވެ. ސުއޫދާއި އަޒްމިރަލްދާއަކީ މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖުޑިޝަރީ ކޮމިޓީން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅުންނެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނިކޮށެވެ. ސުއޫދު ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވިއެވެ. އޭނާ އާއި އަޒްމިރަލްދާ ވެސް ވަނީ އުޝާމް ހިމެނޭ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ވިދާޅުވެފައެވެ. މިރޭ ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގެން މިރޭ ކުރިއަށްގެންދިޔަ 'އަހާ' ފޯރަމްގައި މިރޭ އުޝާމާ ވަނީ، ސުއޫދާއި އަޒްމިރަލްދާ ކުރައްވާ ތުހުމަތާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އުޝާމް ޖަވާބު ދެއްވަމުން ވިދާޅުވީ, ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެހެންވެ އޭނާ ސިޔާސީ ވާހަކަދައްކަވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން، ސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ފޮނުވާފައިވާ މެސެޖުތަކާއި، ރައީސް ބައްދަލުކުރައްވައި ދައްކަވާފައިވާ ވާހަކަތަކުން، ހަގީގަތުގައި ނުފޫޒު ފޯރުވަނީ ސުއޫދުކަން އެނގޭ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓަށާއި ޖުޑިޝަރީއަށް ވެސް ނުފޫޒު ފޯރުވީ ސުއޫދުކަން އެނގޭ ކަމަށް އުޝާމް ވިދާޅުވިއެވެ. މީގެ އިތުރުން އަޒްމިރަލްދާއަށް އުޝާމް އިންޒާރެއް ދިން ކަމަށް އެ ކަމަނާ ތުހުމަތު ކުރައްވާފައިވާއިރު އެއީ ވެސް ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޒްމިރަލްދާ އިޝާރާތް ކުރެއްވި ކަމެއް ހިނގީ، ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލަ ބަލަން ފެށުމުގެ ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އުޝާމް ވަނީ، ދުސްތޫރީ މައްސަލައިގެ ދެ އަޑުއެހުމެއް ކުރިއަށް ދިޔައިރު ވެސް، ސުއޫދާއި އަޒްމިރަލްދާ ބެންޗުގައި ތިއްބަވައި، ސަރުކާރުން ނުފޫޒު ފޯރުވި ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ. ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ