ބްރޯޑްކޮމްއަށް އައްޔަނުކުރަން ފަސް ބޭފުޅެއްގެ ނަން ތަޅުމަށް، އެންމެ ކުރީގައި ޒީނާ ޒާހިރު ބްރޯޑްކޮމްއަށް އައްޔަނުކުރަން ފަސް ބޭފުޅެއްގެ ނަން ތަޅުމަށް، އެންމެ ކުރީގައި ޒީނާ ޒާހިރު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ތިން ނަމެއް ބާކީކޮށް، ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުން ތައްޔާރު ކުރި ރިޕޯޓުގައި އެންމެ މަތިން މާކްސް ދީފައި ވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު އަށެވެ. އޭނާއަށް 85.13 ޕަސެންޓު ކޮމިޓީން ދީފައިވެ އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރަން ފެންނަ މެންބަރުންގެ ނަންތައް އިސްކަންދޭ ތަރުތީބުން ރައީސް ފޮނުއްވިއިރު، އެ ލިސްޓުގެ އެއްވަނައިގައި އޮތީ އައިމިނަތު ޝިޔާނާ، މ. ފަތަހަ، ގެ ނަމެވެ. ނަމަވެސް އެ ނަންތައް ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓުގައި އޭނާއަށް ދީފައި ވަނީ 83 ޕަސެންޓެވެ. އެއީ ކޮމިޓީން ޕޮއިންޓު ދިން ގޮތަށް ބަލާއިރު ދެވަނަ އެވެ.
އެ ލިސްޓުގެ ތިންވަނައިގައި 82 ޕަސެންޓު ލިބިގެން ޝިމްލާ އަހުމަދު އޮތްއިރު، ހަތަރު ވަނަައިގައި އޮތީ 81 ޕަސެންޓު ލިބުނު މޫސާ ރިލްވާން އެވެ. އެންމެ ދަށުން މާކްސް ލިބިގެން ފަސްވަނައިގައި އޮތީ 77.50 ޕަސެންޓު ލިބުނު ޒަމްއަތު އަހުމަދު ވަހީދު އެވެ.
އެ ބޭފުޅުންގެ ނަންތައް ތަޅުމަށް ފޮނުވަން ފާސްކުރީ މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އޭގެތެރެއިން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރާނެ މެންބަރަކު ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. ތަޅުމުގައި ވޯޓަށް އަހާނީ އެންމެ މަތިން ޕޮއިންޓު ލިބުނު ތަރުތީބުންނެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ނުފޮނުވަން ކޮމިޓީން ނިންމީ އަލީ ޔޫސުފް އާއި އިބްރާހިމް އަޝްރަފް އަދި މުހައްމަދު ޝަމީމްގެ ނަމެވެ. ތަޅުމަށް ފޮނުވާ ބޭފުޅުންގެ ލިސްޓުގައި އެ ނަންތައް ނުހިމެނުނީ 75 ޕަސެންޓަށް ވުރެ ދަށުން އެ ބޭފުޅުންނަށް ޕޮއިންޓު ލިބުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ