އިސްލާހު ކުރަން ޖެހިފައި ނުވާ ދާއިރާއެއް ނެތް: ޔާމީން
ރާއްޖޭގައި އިސްލާހު ކުރަން ޖެހިފައި ނުވާ ދާއިރާއެއް ނެތް ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންތައްތައް ކޮށްފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ކަމަށެވެ. އެހެން ނަމަވެސް، އެއިރު މުސާރަ ނުދެވިގެން އުޅޭ ވާހަކަ ދައްކަން ނުޖެހޭ ކަމަށާއި ބައިތުލްމާލު ހުސްވެފައިވާ ވާހަކަ ވެސް ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ނަޝީދުގެ ސަރުކާރުގައި ދައުލަތުގެ ފައިސާ އާއި މުދާ ގާތް ފަރާތްތަކަށް ބެހުމުގެ ސަބަބުން ރާއްޖެ ނިކަމެތިވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެެވެ. އޭނާ ވިދާޅުވީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ގާތް ފަރާތްތަކަށް ބައިތުލްމާލުން ބައި އަޅާފައި ނުވާނެ ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި ދެން ވެސް މަސައްކަތްކުރާނީ އެ އުސޫލުން ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ޕީޕީއެމަށް ވޯޓު ދޭން ޖެހޭ އެއް ސަބަބެވެ. "ޒުވާނުންނަށް ލިބުނީ ކޯޗެއްތޯ؟ އެންމެ ޒުވާނަކަށް ވަޒީފާ އިތުރުވިތޯ؟ މިއަދު އެ ވިދާޅުވަނީ ދެން ތިމަންނަގެ ސަރުކާރެއްގައި ޒުވާނުންނަށް 50،000 ވަޒީފާ ދެއްވާނަމޭ. އެކަމަކު އެއް ފަހަރު ވެރިކަން ކުރައްވައިފި. ޒުވާނުން ބީވެގެން ދިޔައީ، ބިކަވެގެން ދިޔައީ،" ނަޝީދަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ. ޔާމީން ފާހަގަކުރެއްވި ގޮތުގައި ހޮނިހިރުދުވަހު ވޯޓުު ލާން ނުކުންނަ އިރު ހިތަށް ގެންނަންވީ ކޮންމެ މީހެއްގެ ވެސް މަންމަ އެވެ. މަންމަ އަކީ ދިވެހި ގައުމު ކަމުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ މަންމަ ދެރަވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މަންމައަށް ހިތްދަތިކަން އަންނާނެ ފަދަ ކަމެއް ވެސް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހޮނިހިރުދުވަހު ލާ ވޯޓުން ރަމްޒުކޮށްދެނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންމައަށް ކުރާ އިހުތިރާމް ކަމަށެވެ. "މަންމައަކީ ދިރުމުގެ ނިޝާން، ތަރުބިއްޔަތުގެ ބިންގާ. މަންމައަކީ ހުރިހާ ހެޔޮކަމެއްގެ ލާމަސީލު މިސާލު. މަންމައަކީ އަޅުގަނޑުމެންގެ ދިވެހި ގައުމު. ދިވެހި ގައުމު މި އެދެނީ އަޅުގަނޑުމެން ދިވެހި ރައްޔިތަކުގެ މަންމައާ ދޭތެރޭ އޮންނަ ކުލުނުން މިދެންނެވި ގޮތަށް މުހާތަބުކޮށް ދަންނަވާ ވާހަކަ،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ. ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން އަދި އޭނާގެ ރަނިން މޭޓްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ތިއްބެވި ނަމަވެސް ހޮނިހިރުދުވަހު ލާ ވޯޓަކީ އޭނާއަށާއި ޖަމީލަށް ދޭ ވޯޓެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން ނަމަވެސް، ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން ޔާމީނަށް ދެވޭ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލް ބާއްޖަވެރިކުރުމަށް ދެވޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަހަރުގެ އިންތިޚާބަކީ ރާއްޖޭގައި ބާއްވަން ބޭނުންވަނީ އިސްލާމްދީންތޯ ނުވަތަ އެހެން ދީނަކަށް ފުރުސަތު ދޭނެތޯ ކަނޑައަޅާނެ ވޯޓެއް ކަމަށް ޔާމީން މިރޭ ވެސް ވިދާޅުވި އެވެ. ހޮނިހިރުދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ދާހިލީ ކަންކަމުން ބޭރުގެ ނުފޫޒުތައް އެއްފަރާތްކުރުމުގެ އިތުރަށް ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ނިކަމެތި ހާލަތުގައި ބާއްވާނީތޯ ނުވަތަ ދަރަނިވާން ދޫކޮށްލާނީތޯ ކަނޑައަޅާނެ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އަންނަ ހޮނިހިރުދުވަހަކީ ވެރިކަމަށް އައުމުގެ ކުރިން ވެސް، ވެރިކަމަށް އައުމަށްފަހު ވެސް ރާއްޖޭގެ ހުރިހާ ބޮޑުން ނުކުމެ ގާނޫނާއި ޝަރީއަތް ދޫކޮށްލާފަ، މަޖިލިސްތައް ދޫކޮށްލާފަ މަގުމަތީގައި މުޒާހަރާކޮށްގެން، މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން، ރައްޔިތުންގެ މަސްލަހަތު ނަގާލައިގެން، ވެރިކަމުގައި ތިބޭ އިރު ވެސް ހުރިހާ ބޮޑުން މިސާލު ދައްކަމުން، ތުއްތުކުދިން ހަރާބުކުރަމުން، މަދަރުސާތައް ކައިރީގައި މުޒާހަރާ ކުރަމުން، އަޑުއުފުލަމުން، ގޮވުނު ގޮވެލިފައްޗެއް ގޮވަމުން ގެންދާނެ ގޮތާ ދޭތެރޭގައި އިތުރަށް ގާޖަ ދޭނެތޯ ނިންމާނެ ދުވަސް،" އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން ވެސް ރާއްޖެ މިހާރަށް ވުރެ ތަރައްގީކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހެ އެވެ. އެހެންކަމުން، މި އިންތިޚާބަކީ ރާއްޖެއަށް ބޭރުގެ އެހީތަކާއި ފައިސާ ނުލިބުނު ނަމަވެސް ގައުމު ތަރައްގީކުރާނެ ގޮތް އެކަށަ އެޅުމަށް ދެވޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ސަރުކާރާ ހަވާލުވާ ބޭފުޅަކާ ރައްޔިތުން ހަވާލުކުރަނީ ވަރުގަދަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ އަމާނާތުގެ ބޮޑު ކަމުން އެކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިދާނެތޯ ހިތްޕުޅަށް އަރާ ކަމަށެވެ. އެހެން ނަމަވެސް، ޕީޕީއެމްގެ ސަރުކާރަކުން ހިދުމަތްކުރާނީ ހަމައެކަނި ޕާޓީގެ މެމްބަރުންނަށް ނޫން ކަމަށާއި އެ ޕާޓީގެ ސަރުކާރުގައި އެއްވެސް ސިޔާސީ ލީޑަރަކު ވެސް އަދި ރައްޔިތަކު ވެސް ބާކީ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންވީމަ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިިހުލާސްތެރިކަމާ އެކީ، އާދޭހާ އެކީ އަޅުގަނޑު މިދަންނަވަނީ އަޅުގަނޑަށް ވޯޓެއް ދެއްވާށޭ،" މިރޭގެ ވާހަކަ ނިންމާލައްވަމުން ޔާމީން އެދިވަޑައިގެންނެވި އެވެ. "މި އިލްތިމާސަށް ބީރު ކަންފަތެއް ނުދެއްވާ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ