އަހަން ބޭނުން ނުވާ އަޑުތައް ކަންފަތާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ދީގެން ނުވާނެ: ހޯމް މިނިސްޓަރު

ރާއްޖެ އަށް މިހާރު ލިބިފައިވާ މިނިވަންކަމަކީ ހިފެހެއްޓުމެއް ނެތި ލިބިފައިވާ މިނިވަންކަމެއް ނޫން ކަމަށާއި އެ މީހަކު އަހަން ބޭނުން ނުވާ އަޑުތައް ކަންފަތާ ހަމައަށް ވާސިލްވުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ތ. މަޑިފުށީގެ ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅޭގޮތުން ފުލުހުން އާއްމުކޮށްފައިވާ ވީޑީއޯގައި ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތް އެކި ރަށްތަކަށް ފެތުރިގެންދާއިރު އިސްކަން ދޭން ޖެހޭނީ އަމާންކަމާ އެކު ގޭގައި ތިބެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށެވެ. ރާއްޖެ އަށް މިއަދު މިނިވަންކަން ލިބިފައި ވަނީ ހިފެހެއްޓުމެއް ނެތި ނޫން ކަމަށާއި ގާނޫނުތައް ހެދިފައި ހުރީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޖަމީލް ވިދާޅުވީ އެންމެ އަސާސީ ހައްގަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ގޭގައި ހިމޭންކަމާ އެކު ހުރުމުގެ ހައްގު ކަމަށެވެ. "އޭނަގެ ގެއަށް މީހުންނަށް ނުވަދެވޭ ފަދައިން އޭނަގެ ކަންފަތާ ހަމައަށް ވެސް އޭނަ އަޑުއަހަން ބޭނުން ނުވާ އަޑުތަކެއް ވާސިލްކޮށްގެނެއް ނުވާނެ. އެހެންވީމާ ރަށްރަށުގައި ބޮޑެތި ލައުޑް ސްޕީކަރުތައް ބަހައްޓައިގެން ރާއްޖޭގެ އެކި ރަށްތަކުގައި ޖުމްލަ ގޮތެއްގައި ރައްޔިތުންނަށް ތުރާވާގޮތަށް އުނދަގޫވާ ގޮތަށް ކުރެވެމުންދާ މަސައްކަތަކީ ރާއްޖޭގެ ގާނޫނުތަކުގެ ތެރޭގައި ކުރެވެން ނެތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ލައުޑް ސްޕީކަރު ބަހައްޓައިގެން އަޑުގަދަކުރުމަކީ އާއްމު އިޖުތިމާއީ ގާނޫނާއި ގާނޫނު އަސާސީގެ އެކި މާއްދާތަކުން ހުއްޓުވޭނެ ކަމެއް ކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް ވެސް ހަރުދަނާކަމާ އެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ބަނދަރަށް ނުވަދެވޭ ގޮތަށް ދޯނިތައް ބާއްވައި ފުރައްސާކުރުން ފަދަ ކަންކަން ކުރާ ހިސާބަށް އަޅުގަނޑުމެންގެ ކަންކަން ގެންދަން ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިނިވަންކަމާއި ޑިމޮކްރަސީ މިއައީ އަޅުގަނޑުމެންގެ އުޙުއްވަތްތެރިކަން ދާގޮތަކަށް ނޫން. އަޅުގަނޑުމެން މުސްލިމުން، މުސްލިމުންގެ ހައިސިއްޔަތުން ކީރިތި ގުރުއާނުންނާއި ކީރިތި ރަސޫލާގެ ހަދީސްތަކުން ވަރަށް މުހިއްމު ދަރުސްތަކެއް އައިސްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މިންގަނޑުގައި ހިފަހައްޓައިފި ނަމަ މުޖުތަމައުގައި އަމަންއާއްމު ގާއިމްކުރަން ފަސޭހަވާނެ. ގާނޫނު ތަންފީޒުވެގެން ދާނެ." އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބޭނުމަކީ އަމާން ވެއްޓެއް ގާއިމްކޮށްދިނުން ކަމަށެވެ. އެއީ ފުލުހުންގެ ވާޖިބެއް ކަމަށާއި ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަސް ނުޖެހުމަށް ވެސް ކޮމިޝަނަރު ފުލުހުންނަށް ގޮވާލެއްވި އެވެ. ފުލުހުންގެ ވީޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ