މާދަމާ ކޯޓަށް ހާޒިރުވުމަށް މެމްބަރު އާޒިމާއި ނާޝިޒަށް ޗިޓް ފޮނުވައިފި

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ މައްސަލައިގައި އެ ލޯނުތަކަށް ގެރެންޓީ ދެއްވި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް މާދަމާ ސިވިލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ޗިޓް ފޮނުވައިފި އެވެ. ފުނައްޑޫން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުދައްކާ އޮތް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2010 ވަނަ އަހަރުގެ ތެރޭގައި ހުކުމްކުރި އެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެއް ނުވެއެވެ. އެ ފައިސާ ނުދެއްކުމުން ފައިސާ ދެއްކުމަށް ކުރިން ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުން އެދި ބޭންކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ އެވެ. އެ މައްސަލައިގެ ޝަރީއަތަށް މާދަމާ މެންދުރު 45: 2 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އާޒިމް ޗިޓް ފޮނުވިކަން އާޒިމް ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އާޒިމް ވިދާޅުވީ މާދަމާ ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ފިއްލަވައިގެން އުޅޭ ބޭފުޅެއް ނޫން ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތަށް އާޒިމާއި ނާޝިޒް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ވެސް ނެރުނެވެ. ނަމަވެސް ފަހުން އެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ. ލޯނުތަކަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން 2010 ވަނަ އަހަރުގެ ތެރޭގައި ކުރި ހުކުމުގައި ވަނީ ހުކުމްކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ބޭންކަށް ދައްކާ ހަލާސް ކުރުމަށެވެ. އަދި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތްތައް ވެސް އެ ދަރަންޏަށް ޒިންމާވާންޖެހޭނެ ކަމަށް އެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ. ގާނޫނު އަސާސީ ބުނާގޮތުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ ނަމަ އެ މީހެއްގެ މެމްބަރުކަން ގެއްލޭނެ އެވެ. ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުނީ ވެސް އެގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ