ދަނޑުވެރިންނާއި މެދު ކުރީގެ ދެ ސަރުކާރުން ވެސް ވަނީ އިހުމާލުވެފައި: އަލީ ސޯލިހު

ރާއްޖޭގެ ދަނޑުވެރިންނާއި މެދު ކުރީގެ ދެސަރުކާރުން ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ވޭތުވެ ދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ސްޓޭޓު މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ދަނޑުވެރިކަމަށް 75 ރަށެއް ދޫކޮށްފައިވާ އިރު އެކަށިގެންވާ ވަރަށް އެރަށްރަށުގެ ކަންތައްތައް ސަރުކާރުން ބަލަހައްޓާފައި ނުވާ ކަމަށެވެ. އެހެން ކަމުން އޭގެތެރެއިން އެރަށްރަށް ދޫކޮށްފައިވާ ގޮތަށް ބޭނުން ކުރަމުންދަނީ އަތުން ގުނާލެވޭހާ މަދު އަދަދެއްގެ ރަށްރަށުގައި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް ވޭތުވެ ދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެގްރިމެންޓާއި ހިލާފުވީ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ބައެއް ރަށްރަށް އަތުލާފައިވާނެ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ދަނޑުވެރިކަން ކުރިއަށް ގޮސްފައި ނުވަނީ ސަރުކާރަށް އެކަމަށް މަގުފަހިކޮށްދެވިފައި ނުވާތީ ކަމަށެވެ. އެހެން ކަމުން އެފަދަ ރަށްރަށް ދޫކޮށްފައިވާ ފަރާތްތަކާއި ބައްދަލުކޮށް އެކަންތައްތައް ބަލަމުންދާ ކަމަށާއި އެފަރާތްތަކަށް ހުރި ދަތިތައް ވެސް އޮޅުން ފިލުވަމުންދާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިކަމަށް ހާއްސަކޮށްގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުންފުނި އުފެއްދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ