ރ. އަލިފުށީގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތައް ހަލާކުވެ، މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިއުމުން ރައްޔިތުންގެ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް އަބްދުލް ރަހުމާން މިއަދު ވިދާޅުވީ ރޭ 8:30 އެހާކަންހާއިރު މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން 100 އެއްހާ މީހުން އިންޖީނުގޭ ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ މިއަދުގެ ވަގުތެއްގައި ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"މި ދިމާވި ގޮތަކީ އިންޖީނުތައް ލޯޑް ބޮޑުވެ ސާވިސް ނުކުރެވިގެން ގޮސް އިންޖީނުތައް ފޭލްވީ، މި މައްސަލަ ދިމާވާން ފެށިތާ އަހަރެއް ދޮޅު އަހަރެއް ވެއްޖެ. ކަރަންޓް ކެނޑެމުން ކެނޑެމުން ގޮސް ރައްޔިތުންގެ އެތައް ބައިވަރު ސާމާނެއް ހަލާކުވި ފަހުން މިކަމެއް މި ދިމާވީ،" އަބްދުލް ލަތީފް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ރެއިން ފެށިގެން މުޅި ރަށުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މިއަދުގެ ވަގުތެއްގައި ސްޕެއާ ގެންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ނަމަވެސް އެކަން ހައްލު ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮދަން ޔުޓިލިޓީޒް އަލިފުށީ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ހަސަން މިއަދު ވިދާޅުވީ އެރަށަށް ކަރަންޓް ދިނުމަށް އެރަށު އިންޖީނު ގޭގައި ހުރި ދެ ޖަަނަރޭޓަރެއް ބޭނުން ކުރަމުން ގެންދަނިކޮށް، މިދިޔަ އަހަރުގެ ފަހު ކޮޅު އޯވާހޯލް ކުރި އިންޖީނަކަށް މައްސަލަތަކެއް ކުރިމަތިވާން ފެށި ކަމަށެވެ. އަދި ރޭ މުޅި ރަށުން ކަރަންޓް ދާން މެދުވެރިވީ އެ ރަށު އިންޖީނުގޭ ގައި ހުރި 160 ކިލޯވޯޓްގެ ދެ ޖެނެރޭޓަރުން ރަށަށް ކަރަންްޓް ދެމުން ގެންދަނިކޮށް އެތަނުން އެއް ޖެނަރޭޓަރު ވެސް އޯވާހޯލްވެގެން ކަމަށެވެ.
"ދިމާވާ މައްސަލައަކީ އަޑީ ތެލާއި ފެނާއި އެކުވަނީ، އެހެންވެ އޭގެ ރިންގް ސެޓް ބަދަލް ކުރަންޖެހޭ ކަމަށް ޓޭކްނީސަނުން ބަނަނީ، ނަމަވެސް އެއްޗެހި ރާއްޖެއިން ނުލިބޭ، އެހެންވެ ދެން ހުރި ދެ ޖަނަރޭޓަރުގެ ސިންކްރޮނައިޒް ނުކުރެވޭތީ އޭގެ ލޮޑް ސެއާ ކުރުމަށްޓަކައި ބޭނުންވާ އެއްޗެހި އިނގުރައިދޫން ގެނައުމުގެ މަސައްކަތް މިކުރަނީ، އެހެންވެ ހުޅުދުއްފާރުން ޓެކްނީޝަނަކާ އެކު މިއަދު މެންދުރު ފަހު މިރަށަށް އަންނާނެ ކަމަށް މި ބަލަނީ، އޯވާހީލަށް ގޮސް ހުރީ ހުރިހާ އެއްޗެއް ވެސް، އޯވާހޯލް ނުކޮށް ގިނަ ދުވަސްތަކެއް ވެގެން މި މައްސަލަ މި ދިމާވީ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.
ރަށުން ކަރަންޓް ދިއުމާ ގުޅިގެން އަލިފުށީގައި މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ