އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު ތައުބާވެ މައާފަށް އެދުމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ގޮވާލައިފި އެވެ. ޕީޕީއެމުން މިކަމަށް ގޮވާލާފައި މިވަނީ އެއްޖިންސުން ކައިވެނިކުރުމަށް ތާއީދުކޮށް އޭނާ ޓްވިޓާގައި ހިޔާލުފާޅުކޮށްފައިވާތީ އެވެ.
މިކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕްގެ ގައުމެއްގައި އެއްޖިންސުން ކައިވެނިކުރުން ހުއްދަ ކުރުމާ ގުޅިގެން އެކަމަށް ތާއީދުކޮށް ޑރ. ޝަހީދު އިއްޔެ ކުރައްވާފައިވާ ޓްވީޓްތަކުން އެއްޖިންސުން ކައިވެނިކުރުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި އޭނާ ގަބޫލު ކުރާކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި އެކަންތައްތައް ރާއްޖޭގައި ހުއްދަ ކުރުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމުން ޕީޕީއެމް އިން ބުނެފައި ވަނީ، މުސްލިމެއްގެ ގޮތުގެ ހުރެގެން ﷲ ނަހީކުރައްވާފައިވާ ކަމެއް ކުރުމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މާތްﷲގެ ހުކުމްފުޅުތަކާ ހިލާފަށް އެހެން ބަޔަކު ރުއްސުމުގެ ގޮތުން އެއްޖިންސުން ކައިވެނިކުރުން އެއީ މާތާހިރުކަމެއް ކަމަށް ދެއްކުމަށް އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީދު ޓްވިޓާގައި ދައްކާފައިވާ ވާހަކަފުޅުތައް ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިފަދަ ހަޑިމުޑުދާރު އަމަލުތައް ވަގުތުންވަގުތަށް ހުއްޓާލައްވައި ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދި، މާތްﷲގެ ހަޒްރަތަށް ތައުބާވުމަށް ޑރ. ޝަހީދަށް ގޮވާލަމެވެ. އަދި ޑރ. ޝަހީދު ދީނާ ހިލާފަށް ހިންގާފައިވާ ދަށު ދަރަޖައިގެ މި އަމަލު ކުށްވެރިކުރައްވައި އަޑުއުފުއްލުމަށް ދިވެހި ގައުމުދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް ވެސް އެ ޕާޓީން ގޮވާލާ ކަމަށް ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޝަހީދުގެ މި އަމަލުން ދޭހަކޮށްދެނީ އިސްލާމްދީނާ ހިލާފު ކަންކަން ފަތުރައި އެކަންކަމަކީ މާރީތި ކަންކަން ކަމަށް ދެއްކުމަށް އެމްޑީޕީ އިން ކުރާ މަސައްކަތް ކަމަށާއި އެ މަސައްކަތުގައި ޝަހީދުވެސް ފުރިހަމަޔަށް ބައިވެރިވާކަން ދޭހަކޮށްދޭ ކަމަށެވެ.
ޑރ. ޝަހީދު ތައުބާވެ މައާފަށް އެދުމަށް ޕީޕީއެމުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ