މައުމޫލާތު ނުދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް, ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން، އެ ކުންފުނިތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން، އެ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފިއެވެ. ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއެއްގައި ވަނީ، އެސްއޯއީތަކަށް މައުލޫމާތު ހޯދަން އެދި ހުށަހަޅާ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތު ދިނުމަށް، ކުންފުނިތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެސްއޯއީތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފައެވެ. މިހާރުވެސް ކުންފުނިތަކުގައި ތިބި އިންފޮމޭޝަން އޮފިސަރުންނާއި އަލަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނީ ތަޖުރިބާހުރި، ނުވަތަ އާރުޓީއައި ގާނޫނު ރަނގަޅަށް ދަންނަ ބަޔަކަށްވުން މުހިންމު ބަޔަކަށް ވާން ޖެހޭކަން ފާހަގަކޮށްފައެވެ. ހަމަ އެހެންމެ އިންފޮމޭޝަން އޮފިސަރުން ބޭނުންކުރަން އާންމު ވަކި އީމެއިލް އެޑްރެހެއް ކަނޑައެޅުމަށް އެ ސާކިއުލާގައި ލަފާދީފައިވެއެވެ. އެއީ، އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތްތަކުގައި ކުންފުންޏަށް ހުށަހެޅޭ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެތީ ގޮތް ހެދުމަށް ކަމަށް، ސާކިއުލާގައި ވެއެވެ. https://x.com/pcb_gov/status/2000827856633651671 މީގެ އިތުރުން ކުންފުނިން އައްޔަންކޮށްފައިވާ އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތު ފަސޭހައިން ފެންނާނެ ގޮތަށް ކުންފުނިތަކުގެ ވެބްސައިޓުގައި ޝާއިއުކުރުމަށްވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ޕީސީބީން މިފަދަ ސާކިއުލާއެއް ނެރުނުއިރު، އާންމުންނާއި ނޫސްވެރިން އާރުޓީއައި ފޯމު ލައިގެން ހޯދަން އެދޭ މައުލޫމާތުތައް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެ ފަދަ ބައެއް މައުލޫމާތުތަކުގެ މައްސަލަ ކޯޓުތަކަށް ވެސް ހުށަހަޅައިފައިވާއިރު، މައުލޫމާތު ހޯދަން އެތައް ދުވަހެއް ހޭދަކުރަންޖެހެއެވެ. އެގޮތުން ފަސޭހައިން ލިބެން ހުންނަ މައުލޫމާތު ވެސް ބައެއް ފަހަރު ފޯރުކޮށް ނުދެއެވެ. https://sun.mv/214800 އެ ކަންބޮޑުވުން އޮއްވައި ދާދި ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މައުލޫމާތު ހޯދުމާއި އެ ދޫކުރަން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދަން އެދޭ މައުލޫމާތަށް ފީއެއް ނަގަން ޚިޔާލު ދެއްވައިފިއެވެ. އިހުސާންގެ އެ ޚިޔާލަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ