ނަރުހުން، ޓީޗަރުން، އެކައުންޓަންޓުން، ޕައިލެޓުން ހިމެނޭހެން ގިނަ މަގާމުތަކަށް ބިދޭސީން ގެނައުން މަނާ ކުރަނީ

ނަރުހުންނާއި ޓީޗަރުންނާއި އެކައުންޓަންޓުންނާއި އިލެކްޓްރީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް ހޯމް މިނިސްޓްރީން ގެޒެޓުކުރި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފައެވެ. އެގޮތުން އެ އިސްލާހަށް އަމަލު ކުރަން ފަށާތާ 2 އަހަރާއި 5 އަހަރާ ދޭތެރޭގައި ގިނަ ދާއިރާތަކަކުން ބިދޭސީންނަށް ވަޒީފާ ދެމުންދިޔަ ކޯތާތައް ބާތިލް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާ އާއި، ހެލްތް ދާއިރާ ފަތުރުވެރިކަމުގެ ދާއިރާގެ މަގާމުތައް ހިމެނެއެވެ.
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ބޭބީ ސިޓާސް، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، ހިމެނެއެވެ. ހަމައެއާއެކު ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއާ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުން މި ލިސްޓުގައި ހިމެނެއެވެ.
ރާއްޖޭގައި އެކި ވަޒީފާތަކަށް ބިދޭސީން ގެންނަމުންދާ އިރު، މިހާރު ރާއްޖޭގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި އެތައް ޒުވާނުންތަކަކަށް ވަޒީފާ ލިބުމުގައި ދަތިކަން ހުރުމުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެ ގޮތުން އިންޖިނިއަރިންނާއި އެކައުންޓިން ދާއިރާގެ އިތުރުން ޕައިލެޓްކަން ކިޔަވައިގެން އަންނަ އެތައް ޒުވާނުންތަކެއް ބުނަމުން އަންނަނީ އެތައް ފައިސާއެއް ހޭދަކޮށްގެން ކިޔެވިއަސް ކިޔެވި ދާއިރާއިން ވަޒީފާ ނުލިބޭ ކަމަށެވެ. ގިނަ ފަހަރަށް އެ ދާއިރާތަކުން ވަޒީފާ ދެނީ ބިދޭސީންނަށް ކަމަށާއި ދިވެހިންނަށް ލިބޭ ފުރުސަތު މަދު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ