ކޮރަޕްޝަންގެ ސަބަބުން މަޝްރޫއުތައް ދަށު ދަރަޖައަކަށް ވައްޓާލާ: އޭސީސީގެ ރައީސް ޝާމިލް

ކޮރަޕްޝަނުގެ ސަބަބުން ރާއްޖޭގެ ޕީއެސްއައިޕީ މަޝްރޫއުތައް ދަށު ދަރަޖައަށް ވައްޓާލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ. ކޮރަޕްޝަނާ ދެކޮޅަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާ (ޔޫއެންސީއޭސީ) ގެ 11 ވަނަ ކޮންފަރެންސް އޮފް ސްޓޭޓްސް ޕާޓީސް (ސީއޯއެސްޕީ11) ގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ދިރުމާ ގުޅިފައިވާ މަސްލަހަތެއް ކަމަށެވެ. ރާއްޖެއިން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އެ ގޮތުން، އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމީ އެންޓި ކޮރަޕްޝަން ސްޓްރެޓެޖީ، ގައުމުގެ ދިގު މުއްދަތުގެ ތަރައްގީގެ އެޖެންޑާއާއި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމަޝަން ވިޝަން "މޯލްޑިވްސް 2.0" އާ ގުޅުވައިފައި ވެސް ޝާމިލް ވާހަކަދައްކަވާފައިވެއެވެ. މީގެ އިތުރުން، ޝާމިލް ވަނީ ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީގެ މަސައްކަތަށް ވެސް އަލިއަޅުވާލައްވާފައެވެ. އަދި، ކުރިއަށް އޮތް އޯއައިސީގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކުރުމާ ބެހޭ މަތީ ފަންތީގެ އުސޫލުތައް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭސީސީގެ އިދާރީ މަސައްކަތްތަކަކީ ބޮޑު ގޮންޖެހުމެއްކަން ޝާމިލް ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ހައްލެއްގެ ގޮތުގައި އޭއައި ޓްރާންސްކްރިޕްޝަން ސިސްޓަމެއް ކަމަށްވާ "ކާތިބު"، އޭސީސީން އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ތަހުގީގުތައް އަވަސްކޮށް މުއައްސަސާތަކުގެ ޖަވާބުދާރީވުން ރަނގަޅު ކުރުމަށް އުފެއްދި އޮޓޮމެޓިކް ކޭސް އަޕްޑޭޓް ޕްލެޓްފޯމް، "ލިބީގެ" ތައާރަފުކުރި ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޝާމިލް ވަނީ ޓެކްނޮލޮޖީން ދުނިޔެ ބަވަނަވަމުންދާ މި ޒަމާނުގައި ކްރިޕްޓޯކަރަންސީ އަދި އޭއައިގެ ނަހަމަ ބޭނުންހިފައި، ކޮރަޕްޝަންގެ އަމަލުތައް ވަންހަނާ ކުރެވޭކަން ފާހަގަކުރައްވާފައެވެ. އެހެންވެ، މިކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކުދި ޖަޒީރާތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ހައި ޓެކް ހައްލުތައް ތައާރަފުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި، ފޮރެންސިކާ ތަހުގީގުތަކުގައި ބޭނުންކުރާ އައު އީޖާދީ ކުރިއެރުންތައް، ކުދި ޖަޒީރާ ގައުމުތަކާ ހިއްސާކޮށްގެން، ޑިޖިޓަލް ފަރަގު ނައްތާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. އޭސީސީން ބުނާ ގޮތުގައި އެ ކޮމިޝަނުން އަންނަނީ ކޮރަޕްޝަނާ ދެކޮޅަށް އެކި މަސައްކަތްތަކެއް ކުރަމުންނެވެ. https://sun.mv/215290 ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، 2009 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން އެކި އިދާރާތަކަށް 1.61 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ޖެހޭ ކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިފައިސާތައް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އޭސީސީން އިރުޝާދު ކުރި ކަމަށް އޭނާ މައުލޫމާތުދެއްވާފައިވެއެވެ. މީގެ އިތުރުން، ސޯޝަލް އޮޑިޓް ޕްރޮގްރާމްތަކުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް ފުޅާކޮށް، 2023 ވަނަ އަހަރުގެ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އެމްއެންއޭސީއޭ) އާއި މިނިވަން އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑެއް ވެސް އޭސީސީން ގާއިމުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ