ޕީއެންއެފްގެ 'ރީސެޓް' ޖަލްސާއަށް ކަރަންޓު ދޭން ދެކޮޅު ހަދާކަމުގެ ތުހުމަތު!
މާދަމާ ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން 'ރީސެޓް'ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ކަރަންޓު ދޭން ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ދެކޮޅު ހަދާކަމަށް އެ ޕާޓީން މިއަދު ތުހުމަތުކޮށްފިއެވެ. އާޓިފިޝަލް ބީޗުގައި އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވާން ޕީއެންއެފުން ވަނީ ފަށާފައެވެ. އެ ސަރަހައްދުގައި ހުންނަވައި، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އާޓިފިޝަލް ބީޗުގައި އަޅާފައި އޮންނަ ކޭބަލްތައް މައްސަލަ ޖެހުނު ކަމަށް ބުނެ، މިއަދު ސްޓެލްކޯއިން ބައެއް ކޭބަލްތައް ނަގާފައިވާ ކަމަށެވެ. އެ ކަމަކީ މާދަމާ ރޭ އެ ޕާޓީން ބާއްވަން އުޅޭ ޖަލްސާއަށް ހުރަސްއެޅުމަށް ކުރި ކަމެއްގެ ގޮތުގައި މަލީހު ސިފަކުރެއްވިއެވެ. އަދި، މި ކަމުން ހާމަވަނީ ސަރުކާރުން ޕީއެންއެފް ދެކެ ޖެހިލުންވާ މިންވަރު ކަމަށް މާލީހު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ލީޑާޝިޕް -- ސަން ފޮޓޯ: މޫސާ ނަދީމް ޕީއެންއެފް އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވި މަލީހު ވަނީ، އެ ފަދަ "ދަށު ދަރަޖައިގެ' ކަންކަން ނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ. އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ރާޢްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުންކަން ފާހަގަކުރައްވައި، މަލީހު ވަނީ ސްޓެލްކޯއާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ. ކަރަންޓަކީ މިއީ އަސާސީ ހައްގެއް. ޕީއެންއެފުގެ ފަރާތުން މި ބާއްވާ އިވެންޓަށް ކަރަންޓު ނުދިނުމުގެ ނިޔަތުގައި ނޫނީ ޖެއްސުން ކުރުމުގެ ނިޔަތުގައި މިއީ ސްޓެލްކޯއިން އަލަށް ކުރާ ކަމެއް ނޫން. ރައީސް ޔާމީންގެ ހުންނާނެ ކަރަންޓާ ނުލާ ވެސް މި ޖަލްސާ ބޭއްވުމުގެ ހިތްވަރު ހުންނާނެ،ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މަލީހު ޖަމާލު ސްޓެލްކޯއަށް އެ ޕާޓީން އެފަދަ ތުހުމަތެއް ކުރާއިރު، 'ސަން'އިން ވާނީ ކަމުގައި ސްޓެލްކޯއާ ސުވާލުކޮށްފައެވެ. ނަމަވެސް، މިހާތަނަށް މި ކަމާ ގުޅިގެން އެ ކުންފުނީގެ ޖަވާބެއް ލިބިފައެއް ނުވެއެވެ. މާދަމާ ރޭ ޕީއެންއެފްގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު، އެ ހަރަކާތުގައި ސިޔާސީ އެތައް ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ. އެއީ، މި ހަރަކާތަކީ ސަރުކާރުން ކުރާ ނޭދެވޭ ކަންކަން "ރީސެޓް" ކުރުމަށް ކަމަށް ބުނެ، ބާއްވާ ހަރަކާތަކަށްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ