ޑުރަގު މައްސަލަތަކުގައި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް ބެލެވޭ ވަގުތު 12 ގަޑިއިރަށް މަދުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް ބެލެވޭ ވަގުތު 12 ގަޑިއިރަށް އިއްޔެ ކުޑަކޮށްފިއެވެ. އެ ބަދަލު ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި އެ ތަކެތި ތަހުލީލު ކުރުމަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައެވެ. އިއްޔެއާ ހަމައަށް އަމަލުކުރަމުން އައީ، 2012ގައި ނެރުނު ގަވައިދަކަށެވެ. އެ ގަވައިދުގައި ވަނީ، ޑުރަގުގެ މައްސަލައެއްގައި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް ބެލެވޭނީ 18 ގަޑިއިރުގެ ތެރޭގައި އެ ކަން ނުކުރުމުން ކަމަށެވެ. ނަމަވެސް، އިއްޔެ އަމަލުކުރަން ފެށި ގަވައިދުގައި ވަނީ އެ ވަގުތު 12 ގަޑިއިރަށް ކުޑަކޮށްފައެވެ. އޭގެއިތުރަށް، މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތި ދޭން ފުލުހުންނަށް އެދެވޭނެ ހާލަތްތައް، ތިނަކުން ފަހަކަށްވަނީ އިތުރުކޮށްފައެވެ. ޑުރަގު އައްޑާއެއްގައި ބަޔަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިގޮތުން: މަސްތުވާއެއްޗެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުން މަސްތުވާ އެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން މަސްތުވާ އެއްޗެއް ބޭނުންކުރި ކަމަށް ނުވަތަ ބޭނުންކޮށްގެން ހުރި ކަމަށް މީހަކު އިއުތުރާފުވުން ޑުރަގުގެ މައްސަލައެއް ފިޔަވައި، އެހެން ކުށެއްގެ ތުހުމަތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހެއްގެ އަމަލުތައް ހުރި ގޮތުން މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ކަމަށް ޝައްކުވުން ކުށުގެ އަމަލަކާ ގުޅިގެން ސުވާލުކުރެވޭ މީހެއްގެ އަމަލުތައް ހުރި ގޮތުން މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި ކަމަށް ޝައްކުވުން މީގެއިތުރަށް، ކުޑަކަމުދާ ތަކެތި ނެގުމާއި ތަހުލީލު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ވެސް މި ގަވައިދުގައި ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އެ ގަވައިދުގައިވާ ގޮތުން، ޑުރަގުގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވެރީ އޮޕަރޭޝަން ހިންގޭނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެ ހުއްދަ ދެވޭނެ ކަމަށް ސީޕީ ކަނޑައަޅާ ފުލުހުންގެ އޮފިސަރަކަށެވެ. އެ އޮފިސަރަކީ ވެސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް ވާންޖެހެއެވެ. ކޮންޓްރޯލްޑް ޑެލިވެރީއަކީ، މަސްތުވާތަކެތީގެ ގާނޫނުގައިވާ ޑުރަގެއް ބޭނުންކުރުމަށްޓަކައި، ފުލުހުން ސުޕަވައިޒްކުރާ އޮޕަރޭޝަނެއްގެ ތެރެއިން ހުއްދަކޮށްފައިވާ ފުލުހުންގެ ނުވަތަ ކަސްޓަމްސްގެ އޮފިސަރެއް ނުވަތަ އެހެން ފަރާތަކުން އެ ޑުރަގު ތަނަކަށް ގެންދިޔުމަށް ހިންގާ އޮޕަރޭޝަނެކެވެ. ގަވައިދުގައި ބުނި ގޮތުގައި، އެ އޮޕަރޭޝަނުގެ ހަރަކާތްތައް ލިޔުމުން ނުވަތަ އޯޑިއޯކޮށް ނުވަތަ ވީޑިއޯއިން ރެކޯޑުކޮށް ލޮގް ކުރަން ޖެހެއެވެ. އަދި، މި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބަދަލުގައި ބޭނުންކުރާ އެހެން އެއްޗެއް ނުވަތަ ސަބްސްޓިއުޓެއް ވެސް ބަލާނީ ޑުރަގެއްގެ ގޮތުގައި ކަމަށް ގަވައިދުގައި ފާހަގަކުރިއެވެ. މި ނޫނަސް އޮޕަރޭޝަނާ ގުޅޭ ގިނަ ތަފުސީލުތަކެއް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ