އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި އެވެ. 
މި މައްސަލަ އަދަދު އިން ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާއަށް ތުހުމަތުކުރެވެނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އަދި، މައްސަލައާ ގުޅިގެން ކުއްޖާގެ އިތުރުން އާއިލާ މީހުންގެ ބަޔާން ނަގާފަ އެވެ. 
އޭރު ފުލުހުން ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ގިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާ ކަން ކަށަވަރުކޮށްދީފަ އެވެ. 
މި މައްސަލައިގައި ތުހުަމަތުކުރެވޭ މީހާ ހައްޔަރުކުރުމާ ގުޅިގެން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމަރުކޮށްފަ އެވެ. 
ފުލުހުން ވަނީ އޭނާ މުސާރަ ނުލިބޭ ގޮތަށް، ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ. 
މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށް ގެންދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ. އަދި، އިދާރީ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ މަގާމެއްގައި ހުރެ ނުވަތަ ކުއްޖާގެ އިތުބާރު ހިފޭ ފަދަ މަގާމެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމަކީ ކުށުގެ ދަރަޖަ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ