ފާއިތުވި ތިން ދުވަހު، އިންޑިއާގެ ހަތަރު ސިޓީ އަކަށް އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ގެންގޮސްގެން ކުރިއަށްގެންދިޔަ، "ގޯޓް ޓު އިންޑިއާ ޓުއާ"ގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި މެސީ އަށް އެކަނި 18 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދަތުރުގެ ކުރިން، އެންމެ ފަހުން، މެސީ، އިންޑިއާ އަށް ދިޔައީ، މީގެ 14 އަހަރު ކުރިން، 2011 ވަނަ އަހަރު މެޗެއް ކުޅުމަށެވެ. އެއީ، ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗަކަށެވެ، އެ މެޗަށް ވެސް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަދެފައިވެ އެެވެ. އަދި، ފޭކު ޓިކެޓް ގަނެގެން ދަނޑަށް ގިނަ ބަޔަކު ވަން މައްސަލަތަކެއް ވެސް ކުރިމަަތިވެފައިވެ އެވެ.
މި ފަހަރުގެ ދަތުރުގައި މެސީ އެންމެ ފުރަތަމަ ދިޔައީ ކަލްކަތާ އާއި ހައިދަރުއާބާދަށެވެ. އަދި، އެ އަށް ފަހު، މުމްބާއި އަށް ދިއުމަށް ފަހު، ޓުއާ ނިންމާލީ އިންޑިއާގެ ވެރިރަށް ދިއްލީންނެވެ.
މި ޓުއާގެ އެންމެ ފުރަތަމަ ބައިގެ ތެރެއިން، ކަލްކަތާގެ މަޝްހޫރު ދަނޑު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި، މެސީ، އެ ދަނޑަށް އައިސް، ބައިގަނޑިއިރު ވެސް ނުވަނިސް ދިއުމުން، ގިނަ ސަޕޯޓަރުންތަކެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑަށް އަރައި، ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ބޭއްވި އިވެންޓް ހޫނުވި ވަގުތު ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުންތަކެއް ވަނީ ހިންގައިފައި.--- ފޮޓޯ: ގެޓީއިމޭޖަސް
އިވެންޓްގެ މައްސަލަ ހޫނުވެ، އެންމެ ފަހުން، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީ ވަނީ، މެސީ އާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. އަދި، ސޯލްޓް ލޭކް ސްޓޭޑިއަމްގެ އެ އިވެންޓްގެ އިންތިޒާމްގެ ކަންކަން އެހާ ދޯދިޔާކޮށް ހަމަޖައްސާފައި ހުރި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، އެކަން ބަލައި ތަހުގީގު ކުރަން ހާއްސަ އިންކުއަރީ ކޮމިޓީއެއް އެކުލަވާލި އެވެ.
މި މައްސަލަތައް ފުޅާދާއިރާއެއްގައި، ތަހުގީގު ކުރަމުން އަންނައިރު، ޓުއާ އިންތިޒާމްކުރި، ސަތަދްރޫ ދައްތާ ވަނީ ހައްޔަރުކޮށްފަ އެވެ.
މެސީއާ އެކު، މި ޓުއާގައި، އޭނާއާ އެކު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ބައިވެރިވެ އެވެ.
މުމްބާއިގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުރިއަށްދިޔަ އިވެންޓްގެ ތެރެއިން ޑެ ޕޯލް (ކ) މެސީ (މ) އަދި ސުއަރޭޒް.
މި ދަތުރުގައި ކޮލްކަތާގެ އިވެންޓްގެ ތެރެއިން ވަނީ އެ ސިޓީގައި ހަދާފައިވާ 70 ފޫޓުގެ މެސީގެ ސްޓެޗޫއެއް، ވާޗުއަލްކޮށް ލޯންޗުކޮށްފަ އެވެ.
މި އިވެންޓު ކުރިއަށްގެންދިއުމަށްޓަކައި، އަދާނީ، އެޗްއެސްބީސީ، ޖޭއެސްޑަބްލިއު ފަދަ ވަރުގަދަ ސްޕޮންސަރުން އަތުން ފަންޑް ލިބުނުއިރު، މި ޓުއާގެ ޖުމްލަ އަގު، 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ގޮތުން، ހަތަރު ސިޓީގައި ކުރިއަށްގެންދާ ހުރިހާ އިވެންޓްތަކަށް ޓިކެޓް އާމްދަނީގެ ގޮތުގައި، އެކި ފަންތީގެ ޓިކެޓްތަކުގެ އަގާއި ޕެކޭޖްތަކުން 10 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މެސީގެ ޓުއާ އަށް ހިނގާ ހަރަދުތަކުގެ ރިޕޯޓް އިންޑިއާގެ ބައެއް މީޑިއާތަކަށް ލިބިފައިވާއިރު، މި ޓުއާގައި މެސީގެ ފީގެ ގޮތުގައި، 18 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި، ސުއަރޭޒް އާއި ޑެ ޕޯލް، ކޮންމެ މީހަަކަށް 3-5 މިިލިއަން ޑޮލަދު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ޓުއާގައި މެސީއާ އެކު ފޮޓޯ ނެގުމާއި އޮޓޯގްރާފްގައި ހޯދުމާއި އެކި ސިޓީތަކުގެ އިވެންޓްތަކުގައި ބައިވެރިވުމަށް އެކި އަގުތަކުގެ ޕެކޭޖްތައް ވަނީ ހަދައިފަ އެވެ. އެ ގޮތުން، މެސީއާ ސަލާމްކޮށް ކައިރީގައި މަޑުކޮށްލައި، އޮޓޯގްރާފް ލިބޭ ގޮތަށް ހަމަޖެހިފައިވާ ޕެކޭޖްތަކެއް ވެސް ވިއްކާފައިވެ އެެވެ. އަދި، މި އިވެންޓްގައި، އެންމެ ޕްރިމިއަމްކޮށް، ބައިވެރިވުމުގެ ވީއައިޕީ ޓިކެޓެއްގެ އަގު އުޅުނީ، 120،000 ޑޮލަރުގަ އެވެ.
މީގެ އިތުރުން، ގްރޫޕް ކޮށާއި އާއިލާތަކާ އެކު މެސީއާ އެކު ފޮޓޯ ނެގުމަށް ވެސް ޕެކޭޖްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ބޮލީވުޑްގެ ތަރިން ބައިވެރިވެފައިވަނީ، އެކި ސްޕޮންސަރުން މެދުވެރިކޮށް، މަތީ ލެވަލްގެ ވީއައިޕީ ޓިކެޓްތައް ގަނެގެންނެވެ.
ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ އިވެންޓްގެ ތެރެއިން މެސީ.
މެސީ، ސުއަރޭޒް އަދި ޑެ ޕޯލް ސޮއިކޮށްފައިވާ މާޗަންޑައިސްތައް ވިއްކައިގެން، 5-10 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ލޮޖިސްޓިކްސް އާއި ދަތުރު ފަތުރާއި ސެކިއުރިޓީ އާއި އެކޮމަޑޭޝަން އާއި ޕްރައިވެޓް ޖެޓް ފީސް އާއި ހުރިހާ ކަމަކަށް 20-30 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި، މަޑުކުރި ހުރިހާ ސިޓީއެއްގެ އެކޮމަޑޭޝަންގެ ކަންކަން ވެސް ހިމެނެ އެވެ.
އިވެންޓްގެ މާކެޓިން އާއި އެހެނިހެން ހަރަދުތަކަށް 10-15 މިލިއަން ޑޮލަރު ހިމަނާފައިވާއިރު، ވޮލަންޓިއަރުންގެ ކަންކަމަށާއި އެކި ކަންކަަމަށް ހަމަޖެއްސި ޖަމިއްޔާތަކާއި އޮފިޝަލުންނަށް 5 މިލިއަން ޑޮލަރު ވަނީ ބަޖެޓްކޮށްފަ އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފްއާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ އިވެންޓްތަކަކަށް ނުވާތީ، ކޮންމެ ސިޓީއެއްގައި، އިވެންޓް ބޭއްވުމަށް ދަނޑު ކުއްޔަށް ނެގުމަށް ވެސް ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ ހަރަދުތަކުގެ ޖުމްލަ، 10 މިލިއަން ޑޮލަރުގެ ގޮތުގައި ބަޖެޓްކުރެވިފައިވެ އެވެ.
މެސީގެ މި ޓުއާ އަށް އެންމެ ބޮޑު ހޭދައެއް އެކި ގޮތްގޮތުން ކޮށްފައިވަނީ އިންޑިއާގެ ސިޔާސީ ފަރާތްތަކުންނެވެ. އެ ގޮތުން، ބަޖެޓްގެ ހަރަދުތަކުގެ ބޮޑު ޕަސެންޓެއް ސިޔާސީ ފަރާތްތަކުން ވަނީ ހަމަޖައްސައިދީފަ އެވެ. އެހެންކަމުން، މި ސަަބަބުތަކާ ހުރެ، އިވެންޓް އިންތިޒާމްކުރި ފަރާތްތަކުން ބޮޑު ފައިދާއެއް ހޯދާނެ ކަމަށް އިންޑިއާގެ މަލްޓިސިޓީ އިވެންޓް އޮގަނައިޒްކުރާ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ދިއްލީގައި ކުރިއަށްދިޔަ އިވެންޓްގެ ތެރެއިން މެސީ އަށް އިންޑިއާގެ ކްރިކެޓް ޖޯޒީއެއް އައިސީސީގެ ޗެއާމަން ޖޭ ޝާހު ހަދިޔާ ކުރައްވަނީ.
އިންޑިއާ ޓުއާގެ ފަހު ދުވަހު، މެސީ އާއި އިންޑިއާގެ ބޮޑު ވަޒީރު ބައްދަލުކުރަން ހަމަޖެހިފައި އޮތް އިވެންޓް ވަނީ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ.
މެސީ އާއި މޯދީ، ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތީ އިއްޔެ ހެނދުނު އެވެ. އަދި، އެ ބައްދަލުވުމާ ގުޅޭ ހުރިހާ ޕްރޮޓޮކޯލެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެއީ، 21 މިނިޓަށް ދިގު ދެމިގެންދާ ގޮތަށް ރާވާފައިވާ އިވެންޓެކެވެ.
އެކަމަކު، ދިއްލީގެ މޫސުން ހުރި ގޮތުން، އެ ދުވަހު ހެނދުނު މެސީ އަށް މުމްބާއީ އިން ދިއްލީ އަށް ދަތުރުނުކުރެވި، ފްލައިޓް ގަޑިއިރަކަށް ވުރެން ގިނަ އިރަށް ޑިލޭ ވުމުން އެންމެ ފަހުން، މޯދީއާ އެކު އޮތް ބައްދަލުވުން ކެންސަލްކުރަން ޖެހުނީ އެވެ. އެއީ، ރަސްމީ ދަތުރުފުޅެއްގައި ތިން ގައުމަކަށް، މޯދީ ފުރައިވަޑައިގަންނަވަން ހަމަޖެހިފައި އޮތުމުންނެވެ. އެއީ، އޮމާން އާއި އިތިއޯޕިއާ އަދި ޖޯޑަން އަށް ކުރާ ހަތަރު ދުވަހުގެ ދަތުރެކެވެ.
ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މެސީގެ އިވެންޓްގައި ވާހަކަ ދައްކަމުން އޭނާ ވަނީ، ކުރިއަށް އޮތްތަނުގައި އަދި އިންޑިއާ އަށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ.
ޓުއާގެ އަގަކީ 100 މިލިއަން ޑޮލަރު: މެސީ އަށް 18 މިލިއަން ޑޮލަރު! ޓުއާގެ އަގަކީ 100 މިލިއަން ޑޮލަރު: މެސީ އަށް 18 މިލިއަން ޑޮލަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ