އެމްޓީސީސީއާ ހަވާލުކުރި ދިއްދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓު ވެސް އެމްއޭސީއެލްގެ ޕެނިންސުލާއަށް އެމްޓީސީސީއާ ހަވާލުކުރި ދިއްދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓު ވެސް އެމްއޭސީއެލްގެ ޕެނިންސުލާއަށް

އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓާ، ބިން ހިއްކުމަށާއި ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގަން އެމްއޭސީއެލްއިން އުފެއްދި ޕެނިންސުލާ އިންފްރާސްޓްރަކްޗާއިން ހަވާލުވެއްޖެ އެވެ.
ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ގޮތުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެ ރަށުގައި ހުންނަވާ، ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވަން ކަމަށް ވިދާޅުވެފަ އެވެ.
މުއިއްޒު ވަނީ އެ ދުވަހު ވެސް، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައުލޫމާތު ސާފުކުރުމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް 19، ގައި ކަމަށެވެ.
އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަކާއި އަށް މަސް ވޭތުވެގެން ދިޔަ އިރު ވެސް އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފަށަ އެވެ.
ދިއްދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި އެ ރަށުގެ ހުޅަނގު ފަރާތުގެ ފަޅު އެއްކޮށް ކަހަލަ ގޮތަކަށް ހިއްކާ، 111 ހެކްޓަރުގެ ބިން އެ ރަށަށް އިތުރުކުރާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒު ކަމުގައިވާ 100 ހެކްޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. މިހެންކަމުން، މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ޖާގަ ދެ ގުނަ ބޮޑު ވާނެ އެވެ.
ދިއްދޫއަށް އިތުރުވާ ބިމުގެ ޖާގައިގެ ބޮޑު ބަޔެއް ބޭނުންކުރަނީ އެއާޕޯޓަށް ނަމަވެސް، އެ ރަށަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށް، ހިއްކާ ބިމުގެ ސަރަހައްދުތައް ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ވެސް ހާއްސަކުރާނެ އެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށާއި އިޖުތިމާއި ބޭނުންތަކަށް ވެސް ބިމުގެ ސަރަހައްދުތައް ހާއްސަކުރެވޭނެ ކަމަށް އީއައިއޭގައި ވެ އެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބިން ހިއްކައި، ބިން އިތުރުކޮށްފައިވާ ދިއްދޫ ހިއްކަން ބޭނުންވާ ވެލި ނަގަނީ އެ ރަށާ ކައިރިން އަތޮޅުގެ އެތެރެވަރިިންނެވެ. އީއައިއޭގައި ރިޕޯޓުގައިވާ ގޮތުގައި މި ޕްރޮޖެކްޓަށް 4.6 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެވެ.
ދިއްދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ މަސައްކަތު ތާވަލުގައިވާ ގޮތުން، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ. އަދި ބިން ހިއްކުމުގެ ބައި، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލާނެ އެވެ.
އެމްއޭސީއެލްގެ ޕެނިންސުލާއިން ދިއްދޫ ބިން ހިއްކުމާ ހަވާލުވީއިރު، މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުތަކާއި މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކާ ވެސް ހަވާލުވެގެން އުޅެނީ އެމްއޭސީއެލްއިންނެވެ. އޭގެ ތެރޭގައި މި ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމުގައިވާ ރަސްމާލެ ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ