ރައީސް ވިޔަފާރިވެރިންނާއެކު ބާއްވާ ބައްދަލުވުން ކުދި އަދި މެދު ފަންތިއަށް ޚާއްސަކޮށްފި
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އައްސަވަން ރައީސް ޑރ މުޙައްމަދު މުޢިއްޒު މާދަމާ ރޭ ބާއްވަވާ ބައްދަލުކުރެއްވުން ޚާއްސަކޮށްފައިވަނީ ކުދި ފަންތީގެ ވިޔަފާރިވެރިންނަށާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް، ސަރުކާރުން މިއަދު ބުނެފިއެވެ. މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، މާދަމާރޭގެ ބައްދަލުވުން އޮންނާނީ ވިޔަފާރިވެރިންނާ އެކު، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ. ނަމަވެސް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވިގޮތުގައި މާދަމާރޭގެ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ކުދި ފަންތީގެ ވިޔަފާރިވެރިންނަށާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެކަންޏެވެ. https://x.com/MvSpokesperson/status/2000848587119583675 މާދަމާރޭގެ ބައްދަލުވުން އޮންނާނީ މާފަންނު ޒުވާނުންގެ މަރުކަޒުގައި ރޭގަނޑު 8:30 ގައެވެ. ކުދި ފަންތީގެ ވިޔަފާރިވެރިންނާއި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށް ހީނާ ހާމަކުރެއްވި ނަމަވެސް، ބޮޑެތި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރައްވާނެ ތާރީޚެއް އަދި ހާމަ ނުކުރައްވައެވެ. https://sun.mv/215302 ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މިއަހަރު އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކަށް ދިނުން ހިމެނެއެވެ. ސަރުކާރުން މަޝްރޫއުތައް އެފަދަ ގޮތަކަށް ހަވާލުކުރުމުން، އަމިއްލަ ކުންފުނިތަކަށް ފުރުސަތުތައް ގެއްލި، އަމިއްލަ ވިޔަފާރީގައި ފައިސާ ދައުރުވުން މަދުވި ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އޭގެ ފަހުން މިދިޔަ މަހު ސަރުކާރުން އެއް ފަަހަރާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރިއެވެ. ނަމަވެސް ބީލަމަށް ނުލައި އެ މަސައްކަތްތައް ހަވާލުކުރުމުންނާއި، ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ކުންފުނިތަކަކަށް ވެސް މަޝްރޫއުތައް ދިނުމުން އަނެއްކާވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިލުތައް ޝާމިލުވާ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވިއެވެ. ހަމައެއާއެކު، ރައީސް ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށްކުރުމަށާއި ކަޅު ބާޒާރު އުވާލުމުގެ ވައުދުފުޅާ އެކުގައި ނަމަވެސް، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އުފުލި، ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ދިމާވެފައެވެ. ރައީސް ވަނީ، 2027ގެ ފަހުކޮޅު ޑޮލަރުގެ އަގު 15.45އަށް ވެއްޓޭނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ