ޣައްޒާގައި ހިންގި ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ
ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާގައި އިސްރާއީލުން އަދާކުރި ދައުރާ ގުޅޭ ތަހުގީގު ނާކާމިޔާބު ކުރުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. އެގޮތުން ޣައްޒާ ހަނގުރާމައިގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ކުރި ބިޑް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީން ވަނީ ބާތިލުކޮށްފައެވެ. އައިސީސީގެ އެ ނިންމުމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ކުރާ ތަހުގީގު ކުރިއަށް ގެންދެވޭނެއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް ނެރުނު އަމުރުވެސް ދެމިއޮންނާނެއެވެ. އިސްރާއީލުން އައިސީސީ ބަލައިނުގަންނައިރު، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތަކުރާރުކޮށް އިންކާރުކުރެއެވެ. ޣައްޒާގ ރަފަހް އަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވި މީހުންގެ ހަށިތައް. ފޮޓޯ/އޭޕީ ތަހުގީގަށް ހުރަސްއެޅުމަށް އިސްރާއީލުން ހުށަހެޅި ބިލުގައި ބުނާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ހިނގި ހާދިސާތައް ތަހުގީގު ކުރުމުގެ ކުރިން އައިސީސީގެ ޕީޖީ އިސްރާއީލަށް އާ ނޮޓިފިކޭޝަނެއް ދޭންޖެހޭނެއެވެ. ނަމަވެސް ފަނޑިޔާރުން ވަނީ 2021 ވަނަ އަހަރު ނެރުނު އަސްލު ނޮޓިފިކޭޝަންގައި ހުރި ކަންތައްތައް ފަހުންވެސް ހިނގާފައިވާ ކަންތައްތަކެއް ކަމަށް ބުނެ ބިޑް ބާތިލުކޮށްފައެވެ. އައިސީސީން އެގޮތަށް ނިންމާފައި މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އަދިވެސް ޣައްޒާއަށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން ފަލަސްތީނުގެ 391 މީހުން މަރުވެ 1،063 މީހުން ޒަހަމްވެފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،663 މީހުން މަރުވެ، 171،139 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ