2.1 މިލިއަން ފަތުރުވެރިން އަތުވެއްޖެ، އަމާޒަށް ވާސިލުވާން އަދި 170،000 އެއްހާ ފަތުރުވެރިން ގެންނަންޖެހޭ
މި އަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މި އަހަރަށް ކަނޑައަޅާފައި އޮތް އަމާޒަށް ވާސިލުވާން އަދި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެންނަން ޖެހޭކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަރުކާރުން މި އަހަރު ގެންނަން އަމާޒު ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިންނެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 2،120،759 (ދެ މިލިއަން އެއްލައްކަ ވިހިހާސް ހަތް ސަތޭކަ ފަންސާސް ނުވައެއް) ފަތުރުވެރިންނެވެ. އެހެންކަމުން، އަހަރު ނިމެން ދެ ހަފުތާއަށް ވެފައިވާއިރު، 2.3 މިލިއަން ފަތުރުވެރިން ހަމަކުރަން 179،241 ފަތުރުވެރިން ރާއްޖެ ގެންނަން ޖެހެއެވެ. ވެލާނާ އެއާޕޯޓުގައި ފަތުރުވެރިއަކަށް ޚިދުމަތް ދެނީ: މި އަހަރުގެ އަމާޒަށް ވާސިލުވާން އަދި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ގެންނަން ޖެހޭ --- ފޮޓޯ/ އެމްއޭސީއެލް ރާއްޖެއަށް އާންމު ގޮތެއްގައި ކްރިސްމަސް ޗުއްޓީއާއި އާ އަހަރާ ދިމާކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ހަމަވި އަހަރު ކަމަށްވާއިރު، އެ އަދަދު ހަމަވީ ޑިސެންބަރު 26 ގައެވެ. އެކަމަކު، މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އެ މުއްދަތަށް ވުރެ ކުރިން ރާއްޖެ އައެއެވެ. އެ އަދަދު މި އަހަރު ހަމަވީ ނިމުނު ނޮވެންބަރު، 27 ގައެވެ. އެއީ، އިނގިރޭސިވިލާތަށް ނިސްބަތްވާ ބެތަނީ ސާރާ ކާސްވެލްއެވެ. އޭނާ ރާއްޖެ ޒިޔާރާތްކުރީ އޭނާގެ ފިރިމީހާއެކު ހަނީމޫނަށެވެ. https://sun.mv/214519 ހިސާބުތަކަށް ބަލާއިރު، އާންމުކޮށް ދުވާލަކަށް 6،000 އެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. މި މަހުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައީ، މިދިޔަ އާދިއްތަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް 8،588 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފަތުރުވެރިންތަކެއް އައްޑޫ ނޭޗާ ޕާކުގައި -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ޗައިނާއިންނެވެ. އެ ގައުމުން ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު، 206،000 ފަތުރުވެރިން އައިސްގެން ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. އިނގިރޭސި ވިލާތުން 191،136 ފަތުރުވެރިން އައިއިރު، ޖަރުމަނުން ވަނީ އިއްޔެގެ ނިޔަލަށް 159،598 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިނިސްޓްރީގެ ހިސާބުތައް ބުނާ ގޮތުގައި، 67،037 ޓޫރިސްޓު އެނދު ރާއްޖޭގައި އޮޮޕަރޭޓުކުރެއެވެ. އޭގެ ތެރެއިން، 66 ޕަސެންޓު އެނދުތައް އޮޕަރޭޓުކުރަނީ ރިސޯޓުތަކުގައެވެ. އެއީ، 44،523 އެނދު ކަމަށްވާއިރު، ގެސްޓުހައުސްތަކުގައި އަންނަނީ 16،000އަށް ވުރެ ގިނަ އޮޕަރޭޓު ކުރަމުންނެވެ. މީގެ އިތުރުން ހޮޓާތަކާއި ސަފާރީތަކުގައި ވެސް ބައެއް އެނދުތައް އަންނަނީ އޮޕަރޭޓު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ