މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އދ. ގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ހާއްސަ މަންދޫބު ޖީނާ ރޮމޭރޯ ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖީނާ ވިދާޅުވީ މަސްވެރިންގެ މުޒާހަރާގެ ތެރެއިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ މެންބަރުން ހައްޔަރުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މަސްވެރިން މުޒާހަރާކުރީ ސުލްހަވެރިކަމާއެކު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލައިކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މުޒާހަރާގެ ތެރެއިން މަސްދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހައްޔަރުކޮށް އިމިގްރޭޝަނުގެ ޑިޓެންޝަނުގައި ބޭތިއްބުން ޖީނާ ވަނީ ވަކިން ފާހަގަކުރައްވާ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާގެ ޕޯސްޓުގައި އެ ދުވަހުގެ މުޒާހަރާއިން 30 ބިދޭސީއަކު ހައްޔަރުކުރި ކަމަށް ވިދާޅުވެފައި އޮތް ނަމަވެސް، އިމިގްރޭޝަނުން ހިފެހެއްޓީ ހަތަރު ބިދޭސީ އެކެވެ.
ޖީނާގެ ޕޯސްޓު ނިންމަވާލެއްވީ ހައްޔަރުކޮށްފައި ތިބި އެންމެން ޝަރުތަކާއި ނުލާ ދޫކޮށްލައި، އެ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވަމުންނެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރާ ޑިސެންބަރު 10 ވަނަ ދުވަހު، ބޮޑު ކަންނެލި މަސްވެރިން މާލޭގެ އުތުރުފަރާތުގައި ދޯނިތައް އަޅައިގެން އަޑުއުފުލަމުން ދިޔައީ ރައީސް މުހައްމަދު މުއިއްޒުވީ ވައުދުތައް ފުއްދައި ދިނުމަށާއި، މަސްވެރިންގެ ހައްގުތައް ފޯރުކޮށް ދިނުަމށެވެ.
މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
ނަމަވެސް ޖެހިގެން އައި ޑިސެންބަރު 11 ވަނަ ދުވަހު އިހުތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް ފުލުހުން އަރައިގެންނެވެ.
އެ ދުވަހު ހައްޔަކުރި މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގެ އިތުރުން ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ހައްޔަރު ކުރި އެވެ. މީގެ ތެރެއިން މައުރޫފު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މުޒާހަރާއަށްފަހު، ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް އިއްޔެ ވަނީ މަސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށްފަހު މަސްވެރިން ބުނީ ބޮޑު ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
މަސްވެރިންގެ މުޒާހަރާގެ ހައްޔަރީން ދޫކޮށްލަން އދ. ގެ ހާއްސަ މަންދޫބު ގޮވާލައިފި މަސްވެރިންގެ މުޒާހަރާގެ ހައްޔަރީން ދޫކޮށްލަން އދ. ގެ ހާއްސަ މަންދޫބު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ